ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި

ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ޚިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް. ބީ. އެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަން ހާމަކުރެއްވީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕޮޑްކާސްޓުގެ މި އެޕިސޯޑްގައި މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހޮސްޕިޓަލެއްގެ ގޮތުގައި ތެލެސީމިއާ ސެންޓަރު ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެންމެ ގިނަވެގެން ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި، އެމް. ބީ. އެސް ގެ ހިންގުމާއި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ހަވާލުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މި ބަދަލުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން މި ބަދަލާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީގައި ތެލެސީމިއާ ކުދިންގެ ހުރި އެކިއެކި މައްސަލަތަކާއި ދަތިތަކަށް، ޙައްލު ލިބިގެން އަންނާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ރާއްޖޭގެ އަތޮޅުތަކުގައި ދެވޭ ޚިދުމަތްތައްވެސް ހިނގަމުންދާނީ އެ ތަނުގެ ދަށުން ކަމަށާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުވެގެންދިއުމާއެކު ހުޅުމާލޭގައި ހުރި، މާލޭ ހޮސްޕިޓަލްސް ގްރޫޕުގެ ހޮސްޕިޓަލުން އެތަނުގެ ހިންގުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ޕޮޑްކާސްޓުގެ މަސައްކަތްތައް ފަށައިގަތް ދުވަސްވަރު، ތެލެސީމިއާ ސެންޓަރަށް ވަޑައިގެން، އެތަނުގެ ހާލަތު ބައްލަވައިލެއްވި ހިސާބުން ފެށިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވި، ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ގޮތުން، މާލޭގައި ހިންގަމުންދިޔަ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭގެ އޮރެންޖު ހިޔާ އިމާރާތަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮރެންޖު ހިޔާ އިމާރާތުގައި ޖާގަ ތަނަވަސްވުމުގެ އިތުރުން ވަސީލަތްވެސް ކުރިއަށް އޮތް ތަނުގައި އިތުރުވަމުން ދާނެ ކަމަށާއި ވަސީލަތް އިތުރުކުރުމުގައި ބަޖެޓު ހަމަޖެއްސުމަށް، ފިނޭންސް މިނިސްޓްރީއަށް ދެއްވަންޖެހޭ އެންމެހައި ހުއްދަތައް މިހާރު ވާނީ ދެއްވާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން މި ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް