ސަރުކާރުގެ ޓެކްސީ ލައިންގެ ސަބަބުން މިހާރުވެސް ޓެކްސީކުރަމުންދާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށާއި އަމިއްލަ ގޮތުން ޓެކްސީކުރާ ފަރާތްތަކަށް ވެސް ޓެކްސީކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު މިހެން ވދާޅުވީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިނިސްޓަރާ ސުވާލުކުރައްވާފައިވަނީ ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ގެއްލުންނުވާނެގޮތަށްކަމަށް މިނިސްޓަރު ވިދާޅުވެފައިވަނީ ކޮން ސަބަބަކާއި އެކުތޯ އާއި އެހެން ވިދާޅުވީ އެއްވެސް ތަހްލީލެއް ކުރެއްވުމަށްފަހުގައިތޯ އެހި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން ފަށާ ޓެކްސީ ލައިންގައި މާލޭގެ މަގުތަކަށް ހެޔޮވަރު، އެކި ސައިޒުގެ ޓެކްސީތައް ހިމެނޭނެ ކަމަށެވެ. އަދި އެމްޓީސީސީގެ ޓެކްސީ ލައިން އޮޕަރޭޝަން ބައްޓަންކޮށްފައިވަނީ ދާއިމީ ޑްރައިވަރުންގެ އިތުރުން ފްރީލާންސްކޮށް ވެސް މަސައްކަތްކުރެވޭ ގޮތަށެވެ.
މިގޮތުން މިހާރު ދެވަނަ ވަޒީފާއެއްގެ ގޮތުގައި ޓެކްސީކުރާ ފަރާތްތަކަށް ވެސް ޕާޓްޓައިމްކޮށް މަސައްކަތްކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން ޓެކްސީ ލައިން ފަށަނީ މާލޭގެ މަގުތަކަށް އެންމެ އެކަށޭނެގޮތަށް ރައްޔިތުންނަށްވެސް ފަސޭހަވާނެގޮތަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”މާލޭގެ މަގުތައް މިހާރު ހުރި ގޮތުން، އަޅުގަނޑުމެން އެބަޖެހޭ އެކި ސައިޒުގެ ވެހިކަލްތައް ބޭނުންކުރަން. އެހެންވީމާ މި ޓެކްސީ ލައިންގައި ހުންނާނީ އެއް ސައިޒެއްގެ ޓެކްސީއެއް ނޫން. ދެތިން ސައިޒެއްގެ ޓެކްސީ ހުންނާނެ،“ ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު އަމީން ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ކުދި މަގުތަކަށް ވަދެވޭ ވަރުގެ ކުދި ޓެކްސީތަކާއި، އެއަރޕޯޓާއި ހުޅުމާލެއަށް ދަތުރުކުރެވޭ ވަރުގެ ބޮޑެތި ޓެކްސީތައް ވެސް މި ލައިންގައި ހިމެނޭނެއެވެ. އަދި މިއީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބޭ ޝަކުވާތަކަށް ހައްލެއް ހޯދުމަށް އަޅާ ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.