ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ބާސެލޯނާއި އިންޓަ މިލާންގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު

ޔުއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިންޓަ މިލާނާއި ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މި މުބާރާތުގެ ސެމީފައިނަލުން ބާސެލޯނާ ޖާގަހޯދީ ކުއާޓާ ފައިނަލުގައި 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރުމަށްފަހު އެވެ. އަދި އިންޓަ މިލާން ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަޔާން މިއުނިކް ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ވެސް ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިލާނުންނެވެ. މިލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މާކަސް ތުރާމް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ޑެންޒަލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އިންޓަ މިލާނުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑެންޒަލް ޑަމްފްރީސް އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ފެރާން ޓޮރޭސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރަމުން ދަނިކޮށް ފަހުހާފުގެ 64 ވަނަ މިނެޓުގައި އިންޓަ މިލާނުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން މެޗުގެ ލީޑު ހޯދާފާއެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ޑިފެންޑަރު ޑެންޒަލް ޑަމްފްރީސް އެވެ. ނަމަވެސް ޖެހިގެންއައި މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑަކީ އިންޓަ މިލާންގެ ޕެނަލްޓީ އޭރިއާ ބޭރުން ބާސެލޯނާގެ ބްރެޒިލް ފޯވާޑް ރަފީނިހާ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އިންޓަ މިލާނުގެ ގޯލްކީޕަރު  ޔާން ސޯމާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ގުޅުންހުރި ލިޔުންތައް