ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

އޭއެފްސީ ޗެންޕިއަންސް ލީގު ސެމީ ފައިނަލުން ބަލިވެ ރޮނާލްޑޯގެ އަލް ނަސްރު މުބާރާތުން ކަޓައިފި

އޭއެފްސީ ޗެންޕިއަންސް ލީގު ސެމީފައިނަލްގެ ދެވަނަ މެޗުގައި ޖަޕާނު ކަވަސާކީ ފްރޮންޓެއިލް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރު މުބާރާތުން ކަޓައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލުން އަލް ނަސްރު ޖާގަހޯދީ ކުއާޓާ ފައިނަލުގައި ޖަޕާނު ޔޮކަހާމާގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި ކަވަސާކީ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި ޤަތަރު އަލް ސާދު 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ އަލް ނަސްރުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ކަވަސާކީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓަޓްސޫޔާ އިޓޯ އެވެ.

އަލް ނަސްރުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ސަޑިއޯ މާނޭ އެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ ބޮލުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފައެވެ.

އަދި ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކަވަސާކީ އިން ވަނީ ލަނޑެއް އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޔުޓޯ އޮޒެކީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކަވަސާކީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އަލް ނަސްރުން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފަހުހާފުގެ 76 ވަނަ މިނެޓުގައި ކަވަސާކީ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ  ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް މިޑްފީލްޑަރު އަކިހީރޯ އައިނާގާ އެވެ.

އަލް ނަސްރުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ފޯވާޑް އައިމަން ޔަހުޔާ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ކަވަސާކީ ކުރީގައި އޮވެގެންނެވެ. އަދި މުބާރާތުގެ ފައިނަލުގައި މެއި ތިންވަނަ ދުވަހު އެޓީމުން ނުކުންނާނީ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އަހްލީ އާއި ދެކޮޅަށެވެ. އަލް އަހްލީ ފައިނަލުން ޖާގަހޯދީ ސެމީގެ ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން އަލް ހިލާލް ބަލިކުރުމަށްފަހު އެވެ.

ގުޅުންހުރި ލިޔުންތައް