ސަލްޓަން ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވައި މިނިސްޓަރު ވިދާޅުވީ ސަލްޓަން ޕާކް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީއާއި، ސަލްޓަންޕާކު ވީރާނާވެ، ކުށްކުރާ ފަރާތްތައް ބޭނުންކުރާ ތަނަކަށްވެ، އަދި މަދިރި އުފެދޭ ގޮތަށް ތަން ދޫކޮށްލާފައިވާތީ އެތަން ތަރައްގީ ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުގައި އެދިގެން ޕާކު މި މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 19 ފެބްރުވަރީ 2025 ގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ފާއިތުވި 2 މަސްދުވަހުގެ ތެރޭގައި ޕާކުތެރެ ސާފުކުރެވި، ތަރައްގީކުރުމަށް ބޭނުންވާ ޕްލޭން ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި ޕާކުގެ ސާވޭ ކުރެވިފައިވާ ކުރެހުމެއް ނެތުމުގެ ސަބަބުން ޕާކު ސާވޭ ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖައްސާލަން ޒިޔާރަތްކުރެވޭނެ ތަނެއްގެ ގޮތުގައި ސަލްޓަން ޕާކާއި ރަސްފަންނު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.