މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ރާއްޖޭގެ މަލްޓި-ސެންސަރީ ދަތުރެއްގެ ގޮތުގައި ދުބާއީގައި ”މޯލްޑިވިއަން އީވްނިންގ“ ގެ ނަމުގައި ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
އެމްއެމްޕީއާރުސީއިން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތް ބޭއްވުމަށް ރާވާފައިވަނީ، ދުބާއީގައި ބާއްވާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް 2025) ގެ ހަވާސާގައި ކަމަށެވެ. މި ހަރަކާތް އޮންނާނީ 28 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 19:00 އިން 23:00 އަށެވެ.
ދުބާއީގެ ތިއޭޓާ އޮފް ޑިޖިޓަލް އާޓް (ޓޯޑާ) ގައި ބާއްވާ މި ހަރަކާތުގައި ރާއްޖެއަކީ މަލްޓިފެސެޓަޑް ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދައްކުވައިދިނުމަށް ފަރުމާކޮށް، ތިއޭޓާ، މިއުޒިކް، ގެސްޓްރޮނޮމީ، ފެޝަން އަދި ސްޓޯރީޓެލިން ބޭނުންކޮށްގެން ފިލްމް ޓޫރިޒަމް، ހެރިޓޭޖް އަދި ލަގްޒަރީ ޓްރެވަލް އެކްސްޕީރިއަންސް ފަދަ ރާއްޖޭގެ ހުށަހެޅުންތަކަށް އަލިއަޅުވާލާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި، ”މޯލްޑިވިއަން އީވްނިންގ“ ގައި ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާއި މީޑިއާގެ މަންދޫބުންނާއި ނުފޫޒުގަދަ ފަރާތްތަކާއި ވީއައިޕީންނާއި، ސަރުކާރުގެ ސްޓޭކްހޯލްޑަރުން ހިމެނޭ އިއްޒަތްތެރި އޯޑިއަންސަކަށް ރާއްޖޭގެ މަލްޓި-ސެންސަރީ ދަތުރެއް ފެށުމަށް ދައުވަތު ދޭނެ އެވެ.
މި އިނީޝިއޭޓިވްގެ މަގްސަދަކީ ނެރޭޓިވްސް އާއި ސިނެމެޓިކް ތަޖުރިބާތަކާއި ދުނިޔޭގެ ފެންވަރުގެ މެހްމާންދާރީއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖެ އަލުން ބައްޓަން ކުރުން ކަމަށް އެ ކުންފުނިން މައުލުމާތުދެ އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ހަރަކާތް ފެށޭނީ ”ދިވެހި ޑްރީމްސް“ ގެ ނަމުގައި ކުރު ފިލްމަކުން ކަމަށެވެ. އެއަށްފަހު ގެސްޓްރޮނޮމިކް ސްޓޯރީޓޭލިންއާއެކު ”ދޮން ހިޔަލަ އާއި އަލިފުޅު“ ގެ ތިއޭޓްރިކަލް ޕާފޯމަންސެއް ދައްކާލުމާއި، ޒަމާނީ ޓްވިސްޓަކާ އެކު ސަގާފީ ދިވެހި ހެދުންތައް ހިމެނޭ ފެޝަން ޝޯއަކާއި ލައިވް މިއުޒިކަލް ޕާފޯމަންސްތަކާއި ކަލްޗަރަލް ޑާންސް އަދި ސްޓޯރީޓޭލިން ސެގްމެންޓްތައް ވެސް ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މޯލްޑިވިއަން އީވްނިންގގައި އިންޓަރެކްޓިވް ކޮންޓެންޓް ޒޯންތަކުގެ ތެރޭގައި 360 ޑިގްރީ އިމަރސިވް އެކްސްޕީރިއަންސާއި މެންގްރޫވް މެޖިކް، އަންޑަވޯޓާ ވޮންޑާސް އަދި ބީޗްސް އޮފް ދަ މޯލްޑިވްސް ފަދަ ރާއްޖޭގެ ތިމާވެށީގެ ނިޒާމުތައް ދައްކުވައިދޭ ވާޗުއަލް ރިއަލިޓީ ރޫމެއްގެ އިތުރުން ކަސަބު ވިޔުން، ކުނާ އަދި ފަންގި ވިނުމުގެ ސަގާފީ ކްރާފްޓްމަންޝިޕް ޑިސްޕްލޭތައް ހިމެނޭ އިންޓަރެކްޓިވް ރޫމެއް ވެސް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ހަރަކާތަކީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދައިން ރާއްޖެ ތަޖުރިބާ ކޮށްލެވޭނެ ސެންސަރީ ދަތުރަކަށް ވެގެންދާނެ ކަމަށެވެ.
މޯލްޑިވިއަން އީވްނިންގއަކީ ސްޓޯރީޓެލިންގްއާއި ދިވެހި ސަދާފަތުގެ ޒަރިއްޔާއިން ޑެސްޓިނޭޝަން މާކެޓިން އަލުން މުރާޖައާ ކުރުމުށާއި ސަރަހައްދީ ގޮތުން އަމާޒުކުރެވިފައިވާ ކެމްޕެއިންތަކަށް ބަދަލުވުން ތަމްސީލުކުރާ ވިޒިޓް މޯލްޑިވްސްގެ އައު ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމުގައި އެމްއެމްޕީއާރުސީން ފާހަގަކުރެ އެވެ.