އައު އީޖާދުތަކާއި ވިސްނުންތަކުގެ ތެރެއިން ރާއްޖޭގެ ދެމެހެއްޓެނިވިކަމާއި ކުރިއެރުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދުނިޔޭގެ އުފެއްދުންތެރިކަމާއި އީޖާދުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ދުވަހާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މީސްމީޑީއާގައި ހިއްސާކުރެއްވި ޕޯސްޓުގައި އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުމަށް އިސްކަން ދޭ ރާއްޖޭއަކަށް ބިނާކުރުމަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވަނީ އެފަދަ ރާއްޖެއެއްގައި ކޮންމެ ކުއްޖަކަށްވެސް ދެކޭ ހުވަފެންތައް ހާސިލްވެ، ކޮންމެ ފަންނުވެރިއެއް ކުރިއަރާނެ ކަމަށެވެ.
އަދި ކޮންމެ އުފެއްދުންތެރިއެއް ޤައުމުގެ މުސްތަޤުބަލު ބައްޓަން ކުރުމުގައި ހިއްސާދާރަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ދިވެހި ޤައުމު ބިނާކުރުމުގައި ދެމެހެއްޓެނިވިކަމާއި ކުރިއެރުން ހޯދުމަށް، އީޖާދީ ވިސްނުމާއި، އުފެއްދުންތެރިކަން އިސްކުރުމަށް އެދިވަޑައިގެންފައެވެ.
ރައްޖޭގެ އުފެއްދުންތެރިކަމުގެ ޖީލެއް ބިނާކޮށް، އެފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް މަގުޗާޓެއް އެކުލަވާލައި މިދިޔަ އަހަރު ސަރުކާރުން ވަނީ އިފްތިތާޙްކޮށްފައެވެ. މިއާއެކު ރާއްޖޭގެ އުފެއްދުންތެރިކަމުގެ މާހައުލެއް ޤާއިމްކޮށް ބޭރުގެ މާކެޓުތަކަށް އެފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.
ރާއްޖޭގައި ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ސަރުކާރުން ދަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އާމްދާނީ ލިބޭނެ ގޮތްތަކާއި ގުޅޭގޮތުން އެކި މަންސަތަކުގައި މަޝްވަރާކުރަމުންނެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ރާއްޖޭގައި އޮންލައިންކޮށް އެކި އުފައްދާ އުފެއްދުންތެރިން ތިބިކަމަށާއި މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކަކީ، އެގޮތަށް އާމްދަނީ ހޯދޭނެއް ވަސީލަތެއް ކަމަށް ވިދާޅުވެއެވެ.
ދުނިޔޭގެ އުފެއްދުންތެރިކަމާޢި އީޖާދުގެ ދުވަހަކީ، އިންސާނީ ތަރައްޤީގައި އުފެއްދުންތެރިކަމާއި އިޖާދުގެ ދައުރަށް މީހުން ހޭލުންތެރިކުރުމަށް އ.ދ އިން ފާހަގަކުރާ ދުވެހެކެވެ.



