މިދިޔަ ރަމަޟާން މަހު ބާޒާރުގައި އަސާސީ ބާވަތްތަކުގެ މުދާ ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ތަކެތީގެ އަގުތައް އެއް ހަމައެއްގައި ބެހެއްޓުމަށް ކުރެވުނު މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ޝުކުރު އަދާކުރައްވައިފި އެވެ.
ވަޒީރު އަދި ވުޒާރާގެ ފަރާތުން މިކަން ވަޒީރު ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އަހައްމިއްޔަތުކަމެއްގެ ދަށުން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެސްޓީއޯ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. އަދި ވަޒީރު ސައީދު ވަނީ މި ޕްރޮގްރާމްގައި އިސްކޮށް މަސައްކަތްކުރެއްވި ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.
”މިކަމުގައި ބިޒްނަސް ކައުންސިލާއި ވިޔަފާރިވެރީން ފޯރުކޮއްދެއްވި އެހީތެރިކަމަކީ އެފަރާތްތަކަށް ޝުކުރު ޙައްގު މުޙިއްމު މަސައްކަތެއް. މާތް اللهގެވާގިފުޅާއިއެކު މިމަސައްކަތް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންދެވިފައި,“ ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ރާއްޖޭގައި ކޮންމެ ރަމަޟާން މަހަކާ ގުޅިގެން އަސާސީ ތަކެތީގެ އަގު މައްޗަށް ގެންދިއުމާއި މުދާ ލިބުމުގައި ދަތިތަކާ ކުރިމަތިވަމުން ދިއުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެވެ. މިކަމަކީ ބައެއް ވިޔަފާރިވެރިން ކުރަމުން އަންނަ ކަމަކަށްވާތީވެ، މި އަހަރުގެ ރަމަޟާން މަހުގައި ވެސް ފިޔާ، އަލުވި، ބިސް، ތެޔޮ، ލޮނު، އިނގުރު، ލޮނުމެދު އަދި ލިބޯ ކާށި ފަދަ ތަކެތީގެ އަގު މައްޗަށް ދިޔުމާ ގުޅިގެން އެސްޓީއޯއިން ވަނީ އެ ތަކެތި ރާއްޖެ އެތެރެކޮށް އަގު ކޮންޓްރޯލްކޮށްފައެވެ.
މި މަސައްކަތުގެ ސަބަބުން ރަމަޟާން މަހު އަސާސީ ތަކެތީގެ އަގުތައް އެއް މިންގަނޑެއްގައި ހިފެހެއްޓި، އާންމު ރައްޔިތުންނަށް ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާން ނުޖެހި މަހު ދުވަސްތައް ފާހަގަކުރެވިގެން ދިޔައެވެ.



