ރާއްޖެއާއި ތުރުކީއާ ދެމެދު އިންވެސްޓްކުރުމުގެ އައު ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ތުރުކީއަށް ފުރާވަޑައިގަންނަވައިފިއެވެ.
ވަޒީރު ތުރުކީވިލާތަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގެންނެވީ މިއަދެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ދަތުރުފުޅުގައި ވަޒީރު ބައިނަލްއަޤްވާމީ މުހިންމު ވިޔަފާރިވެރިންނާއި، ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށާއި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އައު އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހުވާކުރެއްވުމަށް ފަހުގައި އެންމެ ފުރަތަމަ އެ ގައުމަށް ވަޑައިގަތީ ތުރުކީއަށެވެ. ތުރުކީ އާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ދަނީ އިތުރަށް ގުޅުން ބަދަހި ކުރަމުންނެވެ.