އާދިއްތަ, ޖުލައި 27, 2025
spot_img
- Advertisement -spot_img

އެއާޕޯޓަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ދަންނަވައިފި

ޤައުމީ ވައިގެ ބަނދަރު ނުވަތަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 59 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެ ކުންފުންޏަށް ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، 59 އަހަރުގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އެމް.އޭ.ސީ.އެލްގެ އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރު ދަންނަވައި، އުފާވެރި އަހަރީ ދުވަހަކަށް އެދިލައްވާ ކަމަށެވެ.

މިދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑަރުން ވެސް ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު ވަނީ އެއާޕޯޓުގެ ތަރައްޤީއަށްޓަކައި ސަރުކާރުން، ޚާއްސަކޮށް ރައީސް މުޢިއްޒު، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައެވެ.

”އެއާޕޯޓުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ބޮޑެތި މަޝްރޫޢުތައް ހިނގަމުންދޭ. ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް، އެތަންތަން އޮޕަރޭޝަނަލައިޒްކޮށް، ޤައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން. އެގޮތުން އެއާޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ޤައުމަށްޓަކައި އަގުހުރި ޙިދުމަތްތަކެއް ކުރާބައެއް“ އެމްޑީ ޝަރީފު ވިދާޅުވިއެވެ.

މީގެ 59 އަހަރު ކުރިން އޭޕްރީލް 12، 1966 ގައި އޭރުގެ ނަމުން ނަމަ ހުޅުލޭ އެއާޕޯޓަށް އެ ޖެއްސީ އެއާ ސިލޯނުގެ އެމްރޯ. އޭސީޖޭއާރު މަރުކާގެ މަތިންދާބޯޓެކެވެ. އެ ހާއްސަ މަތިންދާބޯޓުން ފައިބައިވަޑައިގަތީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެ މަނިކުފާނު ވަޑައިގެން ހުޅުލޭ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވުމާ އެކު، އެކި ތަރައްޤީއާއެކު މިހާރު ފެންނަންހުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ދިގު ތާރީހު ގުނަން ފެށުނީ އެވެ.

ގުޅުންހުރި ލިޔުންތައް