- Advertisement -spot_img

ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވާތީ ސަމާލުވާން އެދެފި

އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވާން ފުލުހުން އެދެފިއެވެ.

ފުލުހުން ބުނިގޮތުގައި މި ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، މައިގަނޑު ގޮތެއްގައި ފާހަގަކުރެވިފައިވާ ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ ފިޝިންގ މެސެޖްތަކާއި އީމެއިލްތައް، ކްރެޑިޓް ކާޑު ސްކޭމްތައް އަދި 2-ޑީ ކާޑު ސްކޭމްތަކެވެ.

މިފަދަ ސްކޭމްތަކުގައި އާންމުކޮށް ބޭނުންކުރަނީ ޓެމޫ ނުވަތަ ކޫރިއަރ ސަރވިސްތަކުގެ ނަމުގައި މެސެޖް ފޮނުވައި، ޒާތީ އަދި މާލީ މައުލޫމާތު ހޯދުމެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް، ނޭނގޭ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުމާއި، ޝައްކުވާ ލިންކްތަކަށް ނުދިއުމާއި، ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުން މުހިންމެވެ. އަދި ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވާންޖެހެއެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމާއި، ބޭންކަށް އަދި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން މުހިންމު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމަށް، ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި، ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުމާއި، އެޕްލިކޭޝަންތައް ރަސްމީ ތަންތަނުން ޑައުންލޯޑުކުރަން ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް