- Advertisement -spot_img

ރާއްޖޭގެ 18 ރަށެއްގައި އެނަޖީ މެނޭޖްމަންޓް ސިސްޓަމާއެކު 38 މެގަވޮޓް އަވާ ބެޓެރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް ގާއިމު ކުރަން ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފި

ރާއްޖޭގެ 18 ރަށެއްގައި އެނަޖީ މެނޭޖްމަންޓް ސިސްޓަމްސްއާއެކު 38 މެގަވޮޓް އަވާ ބެޓެރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް ގާއިމު ކުރަން ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ޗައިނާގެ ޝިޖިއާޒުއާންގް ކެލިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ގައުޑިއަން ނަންޖިން އޮޓޮމޭޝަން ކޯ، ލިމިޓެޑް އަދި ސިނޯ ސޯއާ ހައިބްރިޑް ބެއިޖިން ޓެކްނޮލޮޖީ ކޯ، ލިމިޓެޑާއެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ސޮއި ކުރެއްވީ ވަޒީރު ތޯރިގް އިބްރާހީމެވެ. އަދި ކެލިން އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ވަންގް ޔޮންގެވެ.

މިއީ ހަކަތައާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަޖީ ޕްރޮޖެކްޓް (އެސްޕަޔާ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން 18 ރަށެއްގައި މި ސިސްޓަމްތައް ގާއިމު ކުރުމަށް ހަމަޖެހިފައިވާ އިރު 500 ކިލޯވޮޓް އަވާ އިން ފެށިގެން 3،000 ކިލޯވޮޓް އަވާގެ ބެޓެރީ ސިސްޓަމްތައް ގާއިމު ކުރާނެ އެވެ.

ބެޓެރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރާ ރަށްތައް:

1. ހދ. ހަނިމާދޫ: 2،000 ކިލޯވޮޓް އަވާ

2. ށ. މިލަންދޫ: 2،500 ކިލޯވޮޓް އަވާ

3. ނ. ހޮޅުދޫ: 1،500 ކިލޯވޮޓް އަވާ

4. ނ. މަނަދޫ: 3،000 ކިލޯވޮޓް އަވާ

5. ނ. ވެލިދޫ: 3،000 ކިލޯވޮޓް އަވާ

6. ރ. އަލިފުށި: 2.000 ކިލޯވޮޓް އަވާ

7. ރ. ހުޅުދުއްފާރު: 1،500 ކިލޯވޮޓް އަވާ

8. ބ. ދަރަވަންދޫ: 2.500 ކިލޯވޮޓް އަވާ

9. ބ. ތުޅާދޫ: 3،000 ކިލޯވޮޓް އަވާ

10. މ. މުލައް: 2،000 ކިލޯވޮޓް އަވާ

11. މ. މުލީ: 2،000 ކިލޯވޮޓް އަވާ

12. މ. ވޭވަށް: 500 ކިލޯވޮޓް އަވާ

13. މ. ރަތްމަންދޫ: 500 ކިލޯވޮޓް އަވާ

14. ތ. ގުރައިދޫ: 2،500 ކިލޯވޮޓް އަވާ

15. ތ. ތިމަރަފުށި: 3،000 ކިލޯވޮޓް އަވާ

16- ގއ. މާމެންދޫ: 1،000 ކިލޯވޮޓް އަވާ

17. ގދ. ފަރެސްމާތޮޑާ: 3،000 ކިލޯވޮޓް އަވާ

18. ގދ. ގައްދޫ: 2،500 ކިލޯވޮޓް އަވާ

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރު ކުރުމެވެ.

މިނިސްޓްރީން ބުނީ ކަނޑައެޅި ރަށްރަށުގައި 38 މެގަވޮޓް އަވާގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށް ދިނުމާއި އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވެގެން ދާނެ ކަމަށެވެ. އަދި ”މަގޭ ސޯލާ“ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ވެސް މަގުފަހިވާނެ ކަމަށް ބުންޏެވެ.

މި 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމާ އެކު އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް