މަސްދުވަހުގެ ޗުއްޓީއަކަށްފަހު މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. މިއަހަރު ރާއްޖޭގެ ސްކޫލްތަކުގައި ނުވަދިހަ ހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވާއިރު ސްކޫލްތަކުން ދަރިވަރުންނަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މި ދިރާސީ އާ އަހަރު ސަރުކާރު 217 ސްކޫލެއްގައި 84000 ދަރިވަރުން ކިޔަވާނެއެވެ. މީގެތެރެއިން 19 ސްކޫލަކީ މާލޭ ސަރައްހައްދުގައިވާ ސްކޫލްތަކެވެ. މިއީ ރައްޖޭގައި ކިޔަވާ ދަރިވަރުންގެ 33 އިންސައްތައެވެ. އަދި މި ދަރުވަރުންނަށް ކިޔަވައިދިނުމުގެ ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި 21 އިންސައްތަ މުވައްޒަފުން މާލޭ ސަރަހައްދުގައި މަސައްކަތްކުރާނެއެވެ.

މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2000 އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި މުޅި ރާއްޖޭގައި 5000 ދަރިވަރުން ގްރޭޑް 1 އަށް ވަނީ ވައްދާފައެވެ.
މި ދިރާސީ އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1200 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާއިރު، އަދި އަތޮޅުތެރޭގެ އެއް ސުކޫލްއިން އަނެއް ސްކޫލްއަށް 500 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާކަމަށްވެސް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މިދަރިވަރުނަނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުންނެވެ. އެހެންކަމުން މިއަހަރު 11000 މުދައްރިސުން ހަރަކާތްތެރިވާއިރު ސަރުކާރުގެ ސްކޫލްތަކުގައި 10000 މުދައްރިސުން މަސައްކަތް ކުރަމުންދާނެއެވެ. މުޅި ތަޢުލީމީ ދާއިރާއަށް ބަލާއިރު އެއީ ކޮންމެ 8 ކުއްޖަކަށް މުދައްރިސެކެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި، މުދައްރިސުން އަދި ސްކޫލަށް ބޭނުންވާ އަސާސީ އެންމެހައި ކަންކަން ހަމަވެފައިވާނެކަން ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ޗުއްޓީއަށްފަހު ބައެއް ބިދޭސީ މުދައްރިސުން ވަޒީފާއިން ވަކިވެފައިވީނަމަވެސް އެ މަޤާމުތަކަށް މުދައްރިސުން ގެނައުމުގެ މަސައްކަތް ކުރާކަން ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު، ކިޔެވުން ނިންމާ ދަރިވަރުން އަހަރީ ޗުއްޓީއަށް ދާނީ ޑިސެމްބަރު 28ވަނަ ދުވަހުއެވެ. ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލުވާނެއެވެ. އަދި އެގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަޢުލީމީ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.



