ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކ . ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޟްރޫއުގެ ތެރެއިން ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރޭގައި ބާއްވައިފިއެވެ.
ކ.ގުޅީގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއ، ކ.ގުޅި ކައުންސިލްގެ ރައީސް މޫސާ ސަފީލްގެ އިތުރުން، އެމްޓީސީސީ އާއި ގުޅީގެ ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައިދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
814 މީހުންގެ އާބާދީއެއް އޮންނަ މާލެއަތޮޅު ގުޅިއަކީ ބިމުގެ ޖާގައިގެގޮތުން ކުޑަނަމަވެސް ވަރަށް ރީތި ހިތްގައިމު ރަށެކެވެ. މާލެއަތޮޅުގެ ގިނަ ރަށްތައް ފަދައިން ގުޅިއަކީވެސް ފަތުރުވެރިކަން ކުރިއަށްއަރަމުން އަންނަ ރަށެކެވެ. އެގޮތުން މިހާރުވެސް ރަށުގައި 15 ވަރަކަށް ގެސްޓްހައުސް އަންނަނީ އެކި ފަންތީގައި ހިންގަމުންނެވެ.

ރަށުގެ ގިނަ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ރަށުގެ ބިންކޮޅު ކުޑަވުމުން ރަށުގައި ދިރިއުޅުމަށާއި އަދި ވިޔަފާރިކުރުމަށް އިތުރު ޖާގަ ނެތުމުގެ މައްސަލައެވެ. ވީމާ، މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފެށުމާއެކު، ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހިގެންދާތަން ކުރިއަށް އޮތް މުސްތަޤްބަލުގައި ފެނިގެންދާނެއެވެ. އަދި މުޅި މަޝްރޫޢު ނިމުމާއެކު ރަށުގެ ރައްޔިތުންގެ އޮތް ބޯހިޔާވަހިކަމާއި އިޤްތިޞޯދު ފުޅާކުރުމަށް އޮތް ދަތިކަމަށް ބޮޑުތަނުން ހައްލު ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމަށްފަހު 10.15 ހެކްޓަރުގެ ބިމެއް މި ރަށަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއ، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއ، 88 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 89.63 މިލިއަން ރުފިޔާގެ އަގުހުރި މަސައްކަތެކެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.