- Advertisement -spot_img

ކެލާ އާއި ކާށިދޫ ފަޅުގައި ރިސޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި

ތިލަދުންމަތީ އުތުރުބުރީ ކެލާ، އަދި މާލެއަތޮޅު ކާށިދޫ ފަޅުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން ސަރުކާރުން ޢިއުލާންކޮށްފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިންވަނީ ހއ. ކެލާގެ ފަޅުގައި 2 ރިޒޯޓު އަދި ކ. ކާށިދޫ ފަޅުގައި ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަށް އެރަށުގެ ފަޅުތެރެއިން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއް ބީލަމުގެ އުޞޫލުން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. މީގެއިތުރުން، ކ. ކާށިދޫ ފަޅުގެ ތެރެއިން 115.21 ހެކްޓަރުގެ ފަޅުގެ ސަރަހައްދެއްގައިވެސް ބީލަމުގެ އުޞޫލުން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިއަދުވަނީ ހުޅުވާލާފައެވެ.

މި ބީލަންތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެޕްރީލު މަހުގެ 15ވާ އަންގާރަ ދުވަސް އަދި އަންނަ މޭ މަހުގެ 06ވާ އަންގާރަ ދުވަހު ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖޫން މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައިމިމަހުގެ 14ވާ ހޯމަ ދުވަހާއި އަންނަ މަހުގެ 05ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އީމެއިލަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މައުލޫމާތު ފޮނުވަންޖެހޭނެކަމަށާއި، ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކެލާ ރައްޔިތުން ބޭނުންވާ ގޮތަށް ހއ. ކެލާގެ ފަޅުތެރޭގައި ރިސޯޓެއް އަދި ރަށުގައި ދަނޑުވެރިވެރިކަމުގެ މަޝްރޫޢެއް ހިންގަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ ރައްޔިތުންގެ ޙާލު ބެލުމަށް އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފެބްރުއަރީމަހު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކެލަޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ގުޅުންހުރި ލިޔުންތައް