- Advertisement -spot_img

މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުން މުހިންމުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވެއްޖެ

ޖަމާޢަތުގައި ނަމާދު ކުރާއިރު މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ މުހިންމުކަމެއް ކަމަށް، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިމާމުން ފިޤުހުވެރިވުމާއި ގުޅޭގޮތުން ސޯޝަލް މީޑީއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ފިޤުހުވެރިވުމަކީ ޝަރުޢުގެ ޙުކުމްތައް އެވަގުތެއްގެ ޙާލަތުގައި ކަންއޮތްގޮތުގެ މައްޗަށް ފައްތައި ޢަމަލުކުރުމަށް ދަނެގަތުން ކަމަށެވެ. މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި، ވަޒީރު ވަނީ މިކަމުގެ ބައެއް މިސާލުތައް ހިއްސާކޮށްދެއްވާފައެވެ.

އޭގެ ތެރޭގައި ޢީދު ނަމާދު ފަދަ ގަޑިއަށް ފަށަން ޖެހޭ ނަމާދުތައް، އެވަގުތު ޖެހުމުން ތެދުވެ ފެށުމުގެ ބަދަލުގައި ވަގުތު އޮށްވައި ތެދުވެ ސަފުތައް ތަރުތީބުކުރުން ހިމެނެއެވެ. މީގެ އިތުރުން ފަރުޟު ނަމާދުކުރާއިރު އިމާމުން ސަމާލުކަން ދޭންވީ ކަންކަން ވަޒީރު ޕޯސްޓުގައި ހިއްސާކޮށްދެއްވިއެވެ.

މީގެ ތެރޭގައި، ޖަމާޢަތް ބޮޑުވާރަރަކަށް ކުރުކޮށް ކިޔެވުމާއި ކުޑަކުދިން ރޯ އަޑުއީވޭނަމަ ނަމާދު އަވަސް ކުރުން ފާހަގަކުރެއްވިއެވެ. އަދި ކައިރީގައި މިސްކިތްތަކާއި ގެތައް ތިބޭނަމަ، ނަމާދު ކުރާ ވަގުތު ތާޅަފިލި ޖައްސައިގެން ނަމާދުކުރުމަކީ، ކައިރީގައި ތިބި މިސްކިތްތަކާއި ގެތަކުގައި އުޅޭ ފަރާތްތަކަށް އުނދަގޫވާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މިހާލަތުގައިވެސް ނަމާދު ވަގުތު ޖެހުނުކަން ގިނަ ބަޔަކަށް އެންގުމަށް ބަނގި ދޭއިރު ތާޅާފިލިއަށް އަޑު ދޭން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޤުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިފައިވާކަމެއްކަން ވަޒީރު ފާޙަގަކުރެއްވިއެވެ.

ހަމަ އެގޮތައް ދަމު ނަމާދާއި ޖަމާޢަތުގައި ނަމާދުކުރާއިރު ރުކޫޢާއި ސުޖޫދު ކުރުމުގައި އެހާގިނަ އިރު އެގޮތައް ނުތިބެވޭ ބަލި މީހުންނާއި އުޒުރުވެރިން ޖަމާޢަތުގައި ތިބޭނެ ކަމަށް ވިސްނެވުމަށް ވަޒީރު ޝަހީމް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ގަދަ އަތްވާއި ނުވަތަ ވިއްސާރަ ވެހޭ ވަގުތު ޖަމާޢަތް ކުރުކުރުމާއި، ޢާއްމު ޙާލަތުގައި ހިތްހަމަޖެހޭ މިނެއްގައި އެންމެނަށް ވެސް ފަސޭހަވާނެ ގޮތަށް މެދުމިންކަމާއެކު ނަމާދުގެ ޖަމާޢަތް ގެންދިއުމަށާއި ނަމާދުގައި ޚުޝޫޢަތްތެރިވެ ނަމާދުކުރުމަކީ ފިޤުހުވެރިވުމުގެ ތެރެއިންވާ ކަންކަމެވެ.

މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަށް ވަޒީރު ގޮވާލައްވާފައިވާއިރު، ބައެއް މިސްކިތްތަކުގައި އިމާމުން ނަމާދުކުރާ ގޮތާއި މެދު އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.

ގުޅުންހުރި ލިޔުންތައް