- Advertisement -spot_img

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު އިޢުލާނުކޮށްފިއެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މާދަމާ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މިކަން ޔަޤީންވާނީ މިރޭ ބޭއްވޭ ހަނދު ސާބިތުކުރުމުގެ ޖަލްސާއަށްފަހުގައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހަނދުބެލުމުގެ ކަންކަން ކުރިއަށްދާނީ އާންމު އުސޫލުންނެވެ. މިގޮތުން، ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ އިންތިޒާމުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ހަމަޖައްސާފައެވެ.

ޑީޖޭއޭ އިން ބުނާ ގޮތުގައި، މިއަދު ހަވީރު 5:30 އިން ފެށިގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެއެވެ. މާލޭގައި ހަނދު ފެނުނު ނަމަ ހެކިބަސް އަދާކުރަންވާނީ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައެވެ. އަތޮޅުތެރޭގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގައެވެ.

މީގެއިތުރުން، ހަނދު ފެނުނު ކަމަށް މަޢުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި، މިސްރާބު ފަދަ މުހިންމު މަޢުލޫމާތު ހިއްސާކުރުމަށް ޑީޖޭއޭ އިން އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް