- Advertisement -spot_img

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތު ހުޅުވާލައިފި

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ލޯނަށް އެދި ހުށަހަޅަން 500 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ސްކީމުގެ ދަށުން ދެ ބަޔަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން (ޓޮޕްއަޕް ލޯން) އެވެ.

މިފަހަރު ޓޮޕްއަޕް ލޯނު ދޫކުރަން ހަމަޖެހިފައި ވަނީ 700،000ރ. އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ.

މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނާއި، ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރެއްގެ ގޮތުގައި ބަލާނީ ލޯނަށް ހުށަހަޅަން ދީފައިވާ ސުންގަޑިއާ ހަމައަށް މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔަވަން ރަޖިސްޓްރީވެފައިނުވާ ނުވަތަ ޓިއުޝަންފީ ދައްކާފައި ނުވާ ދަރިވަރުންނެވެ.

އަދި ޓޮޕްއަޕް ލޯނު ދޫކުރާ (ކިޔަވަމުން އަންނަ ދަރިވަރުން) ގޮތުގައި ބަލާނީ ލޯނަށް ހުށަހަޅަން ދީފައިވާ ސުންގަޑީގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރުންނެވެ.

ސަރުކާރުން ހުޅުވާލާފައިވާ މި ލޯނުތަކަށް އެދުމަށް އަންނަ މަހުގެ 30 ގެ ނިޔަލަށް ހުށަހެޅޭނެކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުންދާ އެއް ޕަސެންޓު ނުނަގަން ނިންމަވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް