ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

10 ރަށެއްގައި ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީ ކުރަން ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފި

10 ރަށެއްގައި ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީ ކުރަން ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އެމްޓީސީސީ، އަދި އާރްޑީސީ އާއެވެ.

ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ދަށުން  ބ. ކުޑަރިކިލު ސިއްޙީ މަރުކަޒުގައި އިތުރު ޢިމާރާތެއް ތަރައްޤީކޮށް ގއ. ކޮނޑޭ ސިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޢިމާރާތެއް ތަރައްޤީ ކުރަން ވަނީ ހަމަޖެހިފައެވެ. އަދި ގދ. ނަޑެއްލާ ސިއްޙީ މަރުކަޒަށް ޢިމާރާތެއް އިތުރުކޮށް ތަރައްޤީ ކުރުމަށްވެސް ވަނީ ހަވާލުކޮށްފައެވެ.

މީގެ ތެރެއިން ކުޑަރިކިލު ސިއްހީ މަރުކަޒުގައި އިތުރު އިމާރާތެއް ތަރައްޤީކުރަން ހަވާލުކޮށްފައި ވަނީ 7 މިލިއަން ރުފިޔާއަށެވެ. ނަޑެއްލާ އަދި ކޮނޑޭ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ 6 މިލިއަން ރުފިޔާއަށެވެ.

މި 3 މަޝްރޫޢު އަކީ ފެނަކައިން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޙަވާލުކޮށްފައިވާ މަސައްކަތްތަކެކެވެ.

އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ދަށުން  ނ. ވެލިދޫ ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތް 108 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް އަދި އދ. ފެންފުށީ ސިއްޙީ މަރުކަޒުގައި މުޅިން އައު ޢިމާރާތެއް 26 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ތަރައްޤީ ކުރާނެއެވެ. މިއީ 2027 ވަނަ އަހަރު ނިންމަން ހަވާލުކޮށްފައިވާ 2 މަޝްރޫޢު އެވެ.

މީގެ އިތުރުން ށ. މިލަންދޫ ހޮސްޕިޓަލުގެ އައު ޢިމާރާތާއި ކ. ތުލުސްދޫ ހޮސްޕިޓަލުގެ އައު ޢިމާރަތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެއިން ކޮންމެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް 110 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ވަނީ ހަމަޖެހިފައެވެ.

 އއ. ރަސްދޫއާއި ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އައު ޢިމާރާތް ތަރައްޤީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2027 ގެ ނިޔަލަށް ނިންމާގޮތަށެވެ. ރަސްދޫ އަދި ވިލިނގިލީ ހޮސްޕިޓަލު ތަރައްޤީކުރުމަށް ކޮންމެ ހޮސްޕިޓަލަކަށް 185 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެއެވެ.

ހދ.ނެއްލައިދޫ ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ނިންމަން ދޮޅު އަހަރު ދީފައިވާއިރު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 11 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް އެމްޓީސީސީއާއެވެ.

ގުޅުންހުރި ލިޔުންތައް