މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކީ ރަމަޟާން މަހަށްފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބުމެވެ.
ފުރަތަމަވެސް މި ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާއި އަލްވަދާޢު ކީ ނަމަވެސް ފުރިހަމަ މުއުމިނަކު ދުވަހަކުވެސް ހެޔޮ ޢަމަލުކުރުމަށް އަމްވަދާޢު ނުކިޔާނެކަން ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން މަރު އަހަރެމެންނާއި ބައްދަލުކޮށްފުމަށް ދާންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބުމަށް މިއަދުގެ ޚުތުބާގައި ވަނީ އެދިފައެވެ.
އެހެންކަމުން އަހަރެމެންނަކީ ވަކި މަހެއްގައި ނުވަތަ ވަކި މޫސުމެއްގައި ﷲއަށް އަޅުކަން އަދާކުރަންޖެހޭ ބައެއް ނޫންކަންވެސް ވަނީ ބުނެފައެވެ. އެއަށްފަހު ރަމަޟާން މަސް ވަކިވެގެންދަނީ ޝައްވާލުމަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައި ކަމަށް ބަޔާންކުރަމުން މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދިފައިވެއެވެ.
މިކަމަށް ބާރު އަޅުއްވައި މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”ރަމަޟާންމަހު ރޯދަ ހިފައި އެއާއި ވިދިގެން ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފިމީހާ މުޅިއަހަރު ރޯދަ ހިފި ފަދައެވެ.“ އެހެންކަމުން ނިމިގެންމިދާ ރަމަޟާން މަހު އަޅުކަމުގައި ފަރުވާ ކުޑަކުރެވިފައިވާނަމަ، އެއީ ރަނުގެ ފުރުޞަރތެއްކަން މިއަދުގެ ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.
ނިމިގެންމިދާ ރަމަޟާން މަހު އަހަރެމެންގެ އަމަލުތައް ހުރޮ ގޮތާއިމެދު ވިސްނާލުމަށް އަލިއަޅުވާލަމުން ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ޤަވައިދުން ބަރާބަރަށް ކުރި ފަދައިން އެމަހަށް ފަހުގައިވެސް އެގޮތުގައި ދެމިތިބުމަށް ވަނީ ހަނދާންކޮށްދީފައެވެ. އަދި ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ ބެލުމާއި ހެޔޮ ޢަމަލު ކުރުންމަތީ ދެމި ހުރުމަށް އަޒުމް ކަނޑައެޅުމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި އަހަރެމެން ދެކިގެން ނުވާނެކަމާއި އަދި ކުރެވުނު ހެޔޮ ޢަމަލުތަކަށްޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޙުރުވެރިވެ އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެޢަމަލުތައް ބާތިލު ވެދާނެކަން މިއަދުގެ ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އެހެންކަމުން އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެނަމަ އެ ހެޔޮ ކަމެއް ކުރެވުމުން އޭގެ ފަހުގައި އެ ޢަމަލުތައް ކުރުންމަތީ ދެމި ތިބެންޖެހޭކަން ވަނީ ބުނެފައެވެ.
ބަރަކާތްތެރި ރަމަޟާންމަހުން ފިލާވަޅު ލިބި، އަހަރެމެންގެ ޢަމަލުތައް ސީދާކަންމަތީ ބަހައްޓާ ބައެއްކަމުގައި އަޅަމެން އެންމެން ލައްވާށި. އާމިން



