- Advertisement -spot_img

އަޅުގަނޑުމެންގެ ހަޤީޤީ ވިސްނުން ބަހައްޓަންވީ، އަމަލީ ގޮތުން ކަންކަން ކުރާއިރު އަދި އުޅުމާއި ގުޅުންތައް ބައްޓަން ކުރާއިރު، ޤުރްއާނުގެ ބޭނުންހިފުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އަޅުގަނޑުމެންގެ ހަޤީޤީ ވިސްނުން ބަހައްޓަންވީ، ކޮންމެ ދުވަހެއްގެ އަދި ކޮންމެ ވަގުތެއްގެ އަމަލީ މަސައްކަތްތަކާއި، އުޅުމާއި ގުޅުންތައް ބައްޓަންކުރާއިރު، ކީރިތި ޤުރްއާނުގެ ބޭނުން ހިފުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ކޮންމެ މީހެއްގެވެސް ”ގައިޑުބުކް“ ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށް ކީރިތި ޤުރްއާން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ކީރިތި ޤުރްއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، އަމަލީ ފޮތެއްކަމުގައި ހެދުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ. ހަމަ އެއާއެކު މި މުޖުތަމަޢުގައި ގެއްލެމުންދާ އިންސާނީ ކަރާމާތް، އަނބުރާ ގެނެވޭނީވެސް ކީރިތި ޤުރްއާނަކީ ކޮންމެ ދުވަހެއްގެވެސް އަމަލުތައް ބައްޓަންކުރާ ފޮތްކަމުގައި ހަދައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށްވެސް ބާރުއަޅުއްވާފައެވެ. އެގޮތުން އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް، އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހްތިރާމް ކުރުމަށް ބާރުއަޅުއްވައިފައެވެ. އަދި ފުރިހަމަ މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އެ ސުވާލު އަމިއްލަ ނަފުސާމެދު ހެޔޮނިޔަތުގައި ކޮށްފިނަމަ މުޅި މުޖުތަމަޢު ރަނގަޅުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މުޖުތަމަޢު ރަނގަޅު ވާނީ އަނެކާއަކީވެސް ތިމާ ފަދައިން ކަރާމާތެއް އޮތް މީހެއްކަމުގައި ޤަބޫލުކުރުމުންކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ އެކަމަށް ބާރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުންވެސް އެމަނިކުފާނު ވަނީ، ކިތަންމެ ގިނަ ބިނާރުތަކެއްގެ މަސައްކަތްކުރެވުނު ނަމަވެސް، ހަޤީޤީ ތަރައްޤީ ހާސިލްވާނީ ކީރިތި ޤުރްއާނާ އެއްގޮތަށް އަމަލުތައް ބައްޓަންކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް