މި ސަރުކާރުގެ ސިޔާސަތަކީ، އަދި ވިސްނުމާ އަޒުމަކީ މައިންބަފައިންނާ މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ޙާފިޡުންނަށް ހެދުންކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުން މި ޤައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރޭގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާން އުނގަންނައިދެއްވުމަށް ބާރުއެޅުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާނާބެހޭ ޚާއްޞަ ވަޤުފް އިމާރާތެއް އެޅުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ.
އަދި އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފަހުދިހައެއްގައިވެސް އެކަމަށް މަސައްކަތްކުރައްވައި، މިހާރު މާލެއިން އެއިމާރާތް އެޅުމަށް ބިމެއް ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި މި ފަހުދިހައެއްގެ ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު އެކަމާބެހޭ ސިޓީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް ފޮނުއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކީރިތި ޤުރުއާނާބެހޭ މި ވަގުފު އިމާރާތް އެޅުމުން ލިބޭނެ ފައިދާތަކަށްވެސް މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މި އިމާރާތް އެޅުމުން އެކުރެވިގެންދަނީ ވަރަށް މުހިންމު ހޭދައެއްކަމުގައި ފާހަގަކުރައްވައި، ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް މިކަން ވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުންވެސް މިރޮނގުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު މި ރަސްމިއްޔާތުގައި ފާހަގަކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޡަކަށްވުމަށް އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މަރުހަބާ ދަންނަވާފައެވެ.



