- Advertisement -spot_img

ރާއްޖެ ޓީވީން ދެއްކި ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން، އެއްވެސް މީހެއްގެ ކަރާމަތް ނުގެއްލޭހެން ކޮންޓެންޓު އުފެއްދުމަށް ބްރޯޑްކޮމް އިން އިލްތިމާސްކޮށްފި

ރާއްޖެ ޓީވީން ދެއްކި ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން، އެއްވެސް މީހެއްގެ ކަރާމަތް ނުގެއްލޭހެން ކޮންޓެންޓު އުފެއްދުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސްކޮށްފިއެވެ.

އެ ޗެނަލުން ރޭގައި ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފާޑުކިޔުމަށް، އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްވާ ގޮތަކަށް ވަނީ ވާހަކަ ދައްކާފައެވެ.

އެގޮތުން އެ ޕްރޮގްރާމުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ)އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ. ޕްރޮގްރާމް ހުށަހަޅައިދިނީ ހުސައިން ރަމީޒެވެ.

ޕްރޮގްރާމުގެ ވަކި ހިސާބަކުން ދެކެވުނު ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކޮށް، އެ ކަމަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމުން، ނެރުނު ބަޔާނެއްގައި ވަނީ، ދިވެހިރާއްޖެ ގާނޫނު އަސާސީގެ 35ވަނަ މާއްދާގައި ބުނާ ”ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނާ އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ޚާއްސަ ރައްކާތެރިކަން“ އަދި ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްތަކާ ގައިޑްލައިންތަކާ ޚިލާފުވާ ކޮންޓެންޓު ބްރޯޑްކާސްޓު ކުރުމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ކޮންޓެންޓު ތަހުގީގުކޮށް، އެކަން ރަނގަޅު ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހުތިޞާސް ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓު ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް