- Advertisement -spot_img

ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ކުރިއަށްގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ: ވަޒީރު ސައީދު

ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރައްވަމުން ރަށްރަށް ބޭނުންވާ މުހިންމު ވަޞީލަތްތައް ޤާއިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ޚާއްސަ ސަމާލުކަމެއް ދެއްވަމުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހއ.އުތީމުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޭރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި ކަމަށެވެ. ނަމަވެސް ރައީސްގެ މޭސްތެރިކަމުގައި ރާއްޖެ ކުރަމުން މިދާ ދަތުރުގައި އެ މައްސަލަތައް ހައްލުކުރައްވަމުން ރަށްރަށުގައި މިފަދަ މުހިންމު ވަޞީލަތްތައް ޤާއިމް ކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އަދި އެފަދަ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ވަރަށް ބާރު ދުވެލީގައި މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ކުރިއަށްގެންދިޔުމަށްޓަކައި އެމަނިކުފާނު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

”އޭޓީއެމް ބެހެއްޓިދާނެކަމަށް މީގެ ކުރިން ބަޔަކު ގަބޫލު ނުކުރާނެ މިހާ އަވަހަކަށް. އެހެންނަމަވެސް މިހާރު މިދަނީ ކުޑަ ރަށެއް ބޮޑު ރަށެއް އެއްވެސް ކަހަލަ ޚިލާފުކަމެއް ނޯންނަގޮތަށް. ޔަޤީން ކަށަވަރު މިދިޔަ ކުޑަދުވަސްކޮޅުތެރޭގައި ލިބިގެންދާނެ އެންމެ ބޮޑު އުފުލަކީ މީ.“ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާފައިވާއިރު ހއ. އަތޮޅުގެ ރަށްތަކުގައިވެސް އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް