- Advertisement -spot_img

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އެކި ރަށްށުގައި 250 އަށް ވުރެ ގިނަ އޭޓީއެމް ބެހެއްޓޭނެ: ބީއެމްއެލްގެ ސީއީއޯ ޝަރީފް

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި 250 އަށްވުރެ ގިނަ ސެލްފް ސަރވިސް އޭޓީއެމް ޤާއިމްކުރެވޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން ހއ. އުތީމުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ ގެ ނަމުގައި މަޝްރޫއެއް ފައްޓަވައިފައެވެ.

މިއީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމް ބަހައްޓާ މުހިންމު ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި ލީޑަރޝިޕަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސްގެ އެދިވަޑައިގަތުމަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް، އެރަށެއްގައި ތިބެގެން ބޭންކިންގ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި ޝަރީފް ހާމަކުރެއްވިއެވެ. މިކަމަށްޓަކައި ބީއެމްއެލްއިން ވަރަށް އަވަހަށް މި މަޝްރޫޢު ފުރިހަމަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، 2025 ވަނަ އަހަރު ނިމޭއިރު 250 އަށްވުރެ ގިނަ އޭޓީއެމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ގިނަ ދަތިތަކެއް ހައްލުވެގެންދާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ހއ. އަތޮޅުގައި 3 ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންދާއިރު، ބްރާންޗް ހުންނަ ރަށަށް ދަތުރުކުރުމަކީ ޚަރަދާއި ވަގުތު ބޮޑު ކަމެކެވެ. ނަމަވެސް ކޮންމެ ރަށެއްގައިވެސް އޭޓީއެމް ޤާއިމުކުރެވުމުން، ރައްޔިތުންނަށް އެރަށެއްގައި ތިބެގެން މާލީ ޚިދުމަތްތައް ލިބުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.

”އަލަށް ބެހެއްޓޭ އޭޓީއެމްތަކުން 24 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރުމާއި، ނެގުމާއި، ޓްރާންސްފަރ ކުރުމުގެ އިތުރުން، ލޯނާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބެން ހުންނާނެ.“ ޝަރީފް ފާހަގަކުރެއްވިއެވެ.

މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއެރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ގޭގައި ތިބެގެން ބޭންކުގެ އެންމެހައި ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި ރަށްރަށުގައި ބެހެއްޓޭ އޭޓީއެމްތަކަކީ އެރަށެއްގެ އަގުހުރި ވަސީލަތެއްގެ ގޮތުގައި ދެކި، އެތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް ރައްޔިތުންގެ އެހީތެރިކަމަށް ޝަރީފް ވަނީ އެދިވަޑައިގެންފައިވެއެވެ.

ގުޅުންހުރި ލިޔުންތައް