ރަސްމާލޭގެ ހަތަރު ސަރަޙައްދަކުން 52.15 ހެކްޓަރުގެ ބިން ހިއްކައިފި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މިކަންހާމަކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދައުލަތުގެ މީޑިއާ އަށް މަޢުލޫމާތު ދެމުންނެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން އެޗްޑީސީން ބުނީ“އޭރިއާ ޑީ، އެފް، ޖީ އަދި އެލް“ ހިމެނޭ ސަރަޙައްދުތަކުން 52.15 ހެކްޓަރުގެ ބިން މިހާނަތަށް ހިއްކާ ނިންމާފައިވާ ކަމަށެވެ.
އަދި މި ސަރަޙައްދުތަކުން ޖުމުލަ 378 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެގޮތުން ”އޭރިއާ ޖޭ“ގައި ހިމެނޭ 29 ހެކްޓަރު ހިއްކާ ނިންމާލާފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ މި ސަރަޙައްދުތައް ހިއްކުމަށްޓަކައި އެ ތަންތަނުގައި ހުރި މުރަކައިގެ ދިރުންތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މިއީ މި މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތް ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.
ރަސްމާލެއަކީ މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެވެ.
ރަސްމާލެ ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން 70 ހެކްޓަރުގެ ބިން ދިގު މުއްދަތަކަށް އެ ކުންފުންޏަށް ދީގެންނެވެ.