- Advertisement -spot_img

އާތު އަވާ ފާހަގަކުމަށް މިރޭ 21:45 އިން 22:45 އަށް ދިއްލުންތައް ނިއްވާލުމަށް އެދިއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ އާތު އަވާ މިރޭ ރާއްޖޭގައިވެސް ފާހަގަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އިއްޔެކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، އާތު އަވާ ފާހަގަކުރާނީ މިރޭ 21:45 އިން 22:45 އަށް ކަމަށެވެ. މި ގަޑީގައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ދިއްލުންތައް ނިއްވާލުމަށް އެވުޒާރާއިން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ވެތުވެދިޔަ އަހަރު އާތު އަވާ ފާހަގަކުރުމުގެ ތެރެއިން | ފޮޓޯ: ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެވުޒާރާއިން ބުނެފައިވަނީ އާތު އަވާއަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމު ދައްކުވައިދިނުން ކަމަށްވެސް ވުޒާރާއިން ވަނީ ފާހަގަކޮށްފައިވެއެވެ.

”ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް. އެހެންވީމާ، އާތު އަވާ ހަރަކާތުގައި އެންމެން ވެސް ބައިވެރިވެ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހަންމިއްޔަތުކަން ދަމަހައްޓަން އަޅުގަނޑުމެން އިލްތިމާސްކުރަން،“ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަރަކާތުގައި ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކުންނާއި އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް ވުޒާރާއިން އެދިފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތް ކުރުމަށާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެކަމުގެ ސަބަބުން ނެތިދާ ދިރުންތަކާއި މާހައުލީ ބަދަލުތަކަށް ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އާތު އަވާގައި އެންމެހާ ފަރާތްތަކުންވެސް ބައިވެރިވުމަށް ވުޒާރާއިން އެދިލައްވައެވެ.

މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މި ދައުވަތު ދީފައިވާއިރު ވުޒާރާއިން ވަނީ EarthHourMV# ހޭޝްޓެގް ބޭނުންކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ރީތި ފޮޓޯތައް ހިއްސާކުރުމަށް އެދިފަ އެވެ. އަދި އެ ފޮޓޯތައް އެވުޒާރާގެ ސްޓޯރީގައި ޝެއާ ކުރަމުންދާނެ ކަމަށް އެފަރާތުނ އެދެއެވެ.

ގުޅުންހުރި ލިޔުންތައް