ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ޤައުމީ އެއާލައިން, މޯލްޑިވިއަންގެ އޭ320ގެ ދަތުރުތައް އައްޑޫއަށް ފަށަނީ

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އޭ320ގެ ދަތުރުތައް އައްޑޫ ސިޓީ ގަމަށް އަންނަ މަހުގެ 10 ވަނަ ދުވަހު ފަށަން ނިންމައިފިކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

އެކުންފުނިން ބުނިގޮތުގައި މިފެށޭ ދަތުރުތަކުގެ ތެރެއިން މާލެއާއި އައްޑޫސިޓީ ގަމާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހޮނިހިރު ދުވަހުކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ އޭ320 ބޯޓުގެ ދަތުރުތައް، މީގެކުރިންވެސް އައްޑޫސިޓީ ގަމަށް ދަތުރުތައް ބާއްވާފައިވެއެވެ. އަދި ޝެޑިއުލްޑް މެއިންޓެނެސްއަށް މި ބޯޓުގެ ދަތުރުތައް ހުއްޓާލުމަށްފަހު މިއަންނަ މަހު މި ބޯޓުގެ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް އެއެއަރލައިނުން ވަނީ ބުނެފައެވެ. މިހާރުވެސް މޯލްޑިވިއަނުން މާލެ އާއި ގަމާއި ދެމެދު ކޮންމެ ދުވަހަކު ތިން ދަތުރު ބާއްވައެވެ.

މޯލްޑިވިއަނުން މައުލޫމާތު ދޭ ގޮތުގައި އެއެއަރލައިންގެ ފްލީޓުގައި 25 ބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި އޭޓީއާރު72ގެ 2 އެއަރކްރާފްޓަކާއި، އޭޓީއާރު42ގެ ބޯޓަކާއި، ޑޭޝް8-300ގެ 7 ބޯޓެއް ހިމެނެއެވެ. އަދި ޑޭޝް8-200 ގެ 2 ބޯޓަކާއި، ޑީއެޗްސީ-6 ޓްވިން އޮޓަރ ގެ 11 އެއަރކްރާފްޓަކާއި، ނެރޯބޮޑީގެ އެއަރބަސް އޭ320ގެ ބޯޓެއް އަދި ވައިޑްބޮޑީގެ އެއަރބަސް އޭ330ގެ ބޯޓެއްވެސް އެއެއަރލައިންގެ ފްލީޓުގައި ހިމެނެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ނެރޯބޮޑީ އެއަރބަސް އޭ320އަށް ބަލާއިރު މި އެއަރކްރާފްޓަކީ 152 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި މި ބޯޓުގައި 14 ބިޒްނަސް ގޮނޑިއާއި، 138 އިކޮނޮމީ ގޮނޑި ހިމެނެއެވެ.

މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ މިސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ.

މޯލްޑިވިއަންގެ ޚިދުމަތަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓަކީ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ ބޯޓެކެވެ. މި ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުގައި ގޮނޑިޖަހާފައިވަނީ 3 ކްލާހަކަށް ބަހާލައިގެންނެވެ. އެއީ ބިޒްނަސް ކްލާސް، ޕްރިމިއަމް ކްލާސް އަދި އިކޮނޮމީ ކްލާހެވެ.

ގުޅުންހުރި ލިޔުންތައް