ޔޫއެފްއާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭގައި ފޯރިގަދަ މެޗުތަކެއް ކުޅެވިއްޖެއެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ރަނަރަޕް ޓީމު، ކްރޮއޭޝިއާ ވަނީ 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ޗެމްޕިއަނުންގެ މައްޗަށް 2-0 ގެ ކާމިޔާބީއެއް ހޯދައިފިއެވެ. ފުރަތަމަ ހާފުގައި ކްރޮއޭޝިއާއަށް ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް، ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައި، ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ސްޕްލިޓްގައި ފްރާންސްގެ މައްޗަށް 2-0 އިން ހައިރާންކުރުވަނިވި ކާމިޔާބީއެއް ވަނީ ހޯދައިފިއެވެ. ދެޓީމުންވެސް މޮޅު ކުޅުމެއް ދެއްކި މިމެޗުގައި ފްރާންސްގެ ތަރިންނަށް ކްރޮއޭޝިއާކޮޅަށް ގޯލެއް ވަނީ ކާމިޔާބު ނުކުރެވިފައެވެ. ކުއާޓާ ފައިނަލްގެ ދެވަނަ ލެގަށް ނުނުންނައިރު ކްރޮއޭޝިއާ މިވަނީ މުހިންމު މޮޅެއް ހޯދާފައެވެ.

ކްރޮއޭޝިއާގެ ފޯވާޑު އަންޓެ ބުދިމިރު ފާހަގަކުރިގޮތުގައި ”މިއީ ވަރަށް ބޮޑު ކާމިޔާބީއެއް، އާދީއްތަ ދުވަހުގެ ކުރިން ވަރަށް މުހިންމު ކާމިޔާބީއެއް. އަހަރެމެން ހަޤީޤަތުގައިވެސް ވަރަށް މަތީ ފެންވަރެއްގައި ކުޅުނީމު، އަދި އަހަރެންނަށް ވަކި މީހަކު ފާހަގަކުރަން އުނދަގޫ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝާމްޕްސް، ބުނި ގޮތުގައި ”އަހަރެމެންނަށް ފެށުމުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ޓެކްނިކަލް ގޮތުން ގިނަ ކުށްތަކެއް ހެދުނެވެ. މެއިގްނާން ޕެނަލްޓީ ސަލާމަތްކުރި ނަމަވެސް، އަހަރެމެންނަށް އެކަމުގެ ފައިދާ ނެގޭގޮތެއް ނުވި. ކްރޮއޭޝިއާ ވަރަށް ރަނގަޅަށް ރޭވިފައިވާ ގޮތަކަށް ކުޅުނު.“
ނެދަލޭންޑްސް އާއި ސްޕެއިން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ނޭޝަންސް ލީގްގެ ޗެމްޕިއަނުން ކަމުގައިވާ ސްޕެއިން އަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ނުވަ ވަނަ މިނެޓުގައި ވިލިއަމްސްއެވެ. އެއަށްފަހު 28 ވަނަ މިނެޓުގައި ގަކްޕޯ ވަނީ ނެދަލޭންޑްސް އަށް ނަތީޖާ ހަމަހަކޮށްދީފައެވެ. އަދި ދެވަނަހާފު ފެށިތަނާހެން ނެދަލޭންޑްސް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ހޯދާފައެވެ. އެހެންނަމަވެސް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ސްޕެއިން ޓީމުގެ މެރީނޯ ނަތީޖާ އަނެއްކާވެސް ހަމަހަމަ ކޮށްދިނީ ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ.

މި މެޗުގެ ކުރިން ޔޫރޯ 2024 ގެ ޗެމްޕިއަނުން ކަމުގައިވާ ސްޕެއިން ވޭތުވެދިޔަ 16 މެޗުން 14 މެޗް ވަނީ ކާމިޔާބުކޮށްފައިވެއެވެ. މި ދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގް އާދީއްތަ ދުވަހު ވެލެންސިއާގައި ކުޅޭއިރު، އެއީވެސް ވަރަށް ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ނެދަލޭންޑްސްގެ ކޯޗު ރޮނަލްޑް ކޫމަން ބުނީ ”ފަހު ވަގުތުގައި ލަނޑު ވަނީމަ ކުޑަކޮށް ހިތާމަވޭ. އަހަރެމެން އެކަން ޙައްޤުވާ ކަމަކަށް ނުދެކެން. ނަމަވެސް 10 ކުޅުންތެރިންނާއެކު ކުޅޭއިރު އުނދަގޫވާނެކަން އެނގޭ. އަހަރެމެން ކުޅުނު ގޮތް ވަރަށް ރަނގަޅު. އަހަރެމެން ސްޕެއިންއާ ދެކޮޅަށް ކުޅުމުގެ ހިތްވަރު ލިބުނު. އަހަރެމެންނަކީ މޮޅު ޓީމެއް.“
ސްޕެއިންގެ ލަނޑުޖެހި ނިކޯ ވިލިއަމްސް ބުނީ: ”މިއީ ވަރަށް އިންޓެންސް މެޗެއް. އަހަރެމެންނަށް އެނގޭ އަހަރެމެން ދަތި ހާލަތަކާ ކުރިމަތިލާނެކަން. އަހަރެމެންގެ ޓީމަކީ ރަނގަޅު ޓީމެއް، ނަމަވެސް އަހަރެމެން އިތުރަށް މަސައްކަތްކުރަން ޖެހޭ. އަހަރެންގެ ލަނޑާމެދު ވަރަށް އުފާވޭ އަދި ޓީމާމެދުވެސް އުފާވޭ. މި މެޗުން ދައްކައިދިނީ އަހަރެމެން ދުވަހަކުވެސް ހިތްވަރު ދޫނުކުރާކަން. މިހާރު ވެލެންސިއާގައި ރަނގަޅު ފުރުސަތެއް އެބައޮތް. އެތަނުގައި ކާމިޔާބު ހޯދުމަށް އަހަރެމެންނަށް ވެވުނު އެންމެ ރަނގަޅަކަށް ކުޅޭނެކަމަށް އުންމީދުކުރަން.“
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ރަސްމުސް ހޯލަންޑް ވަނީ މެޗުގެ ހަމައެކަނި ލަނޑު ޖަހައި، ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި ޑެންމާކުން ޕޯޗުގަލް ބަލިކޮށްފައެވެ. މެޗުގެ ކުރީކޮޅު ޑެންމާކުން ވަނީ މޮޅަށް ކުޅެފައެވެ. ދެޓީމުންވެސް ވަރުގަދަ މޮޅުކުޅުމެއް ދެއްކިއިރު، ދެ ޓީމުގެ ގޯލުކީޕަރުންގެ މަސައްކަތް ވަނީ މެޗުގައި ފާހަގަ ކުރެވިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޑެންމާކުގެ ކޯޗު، ބްރައިން ރީމަރ ބުނެފައިވަނީ ”އަހަރެމެން ބޭނުންވީ ހިތްވަރާއި ހަކަތަ ދައްކާލަން. އަދި އަހަރެމެން ދަނޑަށް ނުކުތީ އެ ރޫހާ އެކުގައި. ކުޅުންތެރިން ވަނީ ޕްލޭން ފުރިހަމައަށް ތަންފީޒުކޮށްފައި.“
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓީނެޒް ފާހަގަކުރި ގޮތުގައި ”މިއީ ވަރަށް ގިނަ ދުވަސްތަކެއްގެ ތެރޭގައި އަހަރެމެން ކުޅުނު އެންމެ ދެރަ މެޗު. ޑެންމާކުން ވަނީ ހުރިހާ ދާއިރާއަކުން ވެސް އަހަރެމެންނަށް ވުރެ ރަނގަޅުވެފައި. އަހަރެމެން އެ ފުރުސަތު ދިނީމަ އެމީހުންނަށް އެމީހުންގެ ގޭމްޕްލޭން ކުޅެވުނީ. އަހަރެމެންގެ ކުޅުމުގައި ރިދަމް ނެތް. އަދި ބޯޅަ ކޮންޓްރޯލްކުރުމުގައި ވެސް ފެއިލްވެފައިވާތީ، ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި.“
އިޓަލީ އާއި ޖަރުމަނު ބައްދަލުކުރި މެޗުން 1-2 ގެ ނަތީޖާއަކުން ކުރި ހޯދީ ޖަރުމަނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ޓޮނާލީ އިޓަލީއަށް ލީޑު ހޯދާދިން ނަމަވެސް ޖަރުމަނުން ވަނީ ފަހަތުން އަރައި ދެގޯލު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. ޖަރުމަނުގެ ގޯލުތައް ކާމިޔަބުކޮށްދިނީ ކްލައިންޑީންސްޓް އާއި ގޮރެޓްޒްކާ އެވެ. މި ދެގޯލު ޖެހުމަށްވެސް އެހީތެރިކަން ފޯރުކޮށްދިނީ ޖޮޝުއާ ކިމިޗް އެވެ.

ލުޗިއާނޯ ސްޕަލެޓީ، އިޓަލީގެ ކޯޗު: ”ބައެއް ވަގުތުތަކުގައި އަހަރެމެން މެޗުގެ ރިދަމުގައި ނެތިން. އެކަމަކު ޖަރުމަނުވިލާތް ވަރަށް ހަރުދަނާކޮށް ކުޅުނު. ދެން އަހަރެމެން ކުރި ދެތިން ނުބައި ޗޮއިސްއަކަށް އަހަރެމެން ބޮޑު އަގެއް ދައްކަން ޖެހުނު – ޚާއްޞަކޮށް އެއްވަރުކުރި ގޯލުގައި ބޮކްސްގައި ހުރި މީހަކަށް ބޯޅަ ދޫކޮށްލި ވަގުތު. ޖަރުމަނުވިލާތުގެ ކުޅުންތެރިން ވަރަށް އުސް. އެހެންވެ އަހަރެން ބެލަނޯވާ ލީ. އެމީހުން ވައިގައި ވަރަށް ރަނގަޅު. އެންމެންނަށްވެސް އެނގޭ އަޅުގަނޑުމެން ސެޓް ޕީސްތަކުން މާ ގިނަ ގޯލު ކާން ދޫކޮށްލާކަން. އަހަރެމެން އެކަމަށް މަސައްކަތްކުރަމުން މިދަނީ.“
ޖޫލިއަން ނާގެލްސްމަން، ޖަރުމަނުވިލާތުގެ ކޯޗު: ”އަހަރެން ބުނަން ޖެހެނީ އަދިވެސް މިއީ 50-50 އެކެވެ. އެކަމަކު އަހަރެމެންގެ އެއް ގޯލު އިތުރުވެފައި އޮތީމަ، ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑުވެފައި މިވަނީ. ލިއޯން ގޮރެޓްޒްކާ ވަރަށް ރަނގަޅު މެޗެއް ކުޅުނު. އަހަރެންގެ ނަޒަރުގައި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ އޭނާ. އޭނާ ކުރިމަތިވި ހުރިހާ ކަމަކަށްފަހު، އޭނާ ދެއްކީ ވަރަށް ރަނގަޅު ޕަފޯމަންސްއެއް. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެމެންނަށް އަނެއްކާވެސް އޭނާގޚިދުމަތް ލިބިއްޖެ. އޭނާ ކުރި ކަންތައްތަކާމެދު އަހަރެން ވަރަށް އުފާވޭ.
މިޓީމުތަކުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. މި މެޗުތަކުގެ އިތުރުންވެސް މި ލީގުގެ ދަށް ފަންތިތަކުގައިވެސް މެޗުތަކެއް ވަނީ ރޭގައި ކުޅެފައެވެ.