ހަތަރު ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ހަވާލުކޮށްފި އެވެ.
މި މަސައްކަތް މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ސަނީލޭންޑް އިންވެސްޓްމެންޓާ އެވެ. އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ތޯރިގު އިބްރާހިމް އެވެ.
މި އެއްބަސްވުމުގެ ދަށުން ރަށު ފެންވަރެއްގައި ކުނި މެނޭޖްކުރާ ވަސީލަތްތައް ބެލެހެއްޓުމުގެ މަރުކަޒުތައް ގާއިމްކުރާ ހަތަރު ރަށަކީ އއ. ހިމަންދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ އަދި ކ. ކާށިދޫ އެވެ.

މި މަސައްކަތްތައް މި އަހަރުގެ ތިންވަނަ ކުއާޓާގެ ކުރިން ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޝްރޫއަކީ އޭޝިއަން ޑެވެލޮޕްމަންޓް ބޭންކާއި އެހެނިހެން ބޭރުގެ އެހީދޭ ފަރާތްތަކުގެ ހިލޭ އެހީއާއި ލޯނު އެހީ ހިމެނޭ ގޮތަށް ހިންގާ މަޝްރޫއެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށޭނެ ކުނި މެނޭޖުކުރާނެ ނިޒާމާއި ވަސީލަތްތައް މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވާފައެވެ.



