ދިވެހިރައްޔިޔުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ކުރިޔަށްގެންދާ ގެދޮރުވެރިޔާ ސްކީމްގެދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ލިސްޓަށް މިހާތަނަށް ހުށަހަޅައިފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް އެ ވުޒާރާއިން ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ކުރިން ހަމަވާގޮތަށް އިނީ މިމަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ސަރުކާރުން މިހާރުވަނީ މުއްދަތު ހަމަވާ ތާރީހު އަންނަ މަހުގެ މި 15 އާއި ހަމައަށް އިތުރުކޮށްފައެވެ. އެގޮތުން މިހާރުވެސް ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި މީހުންނަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ.
”ކުރީ ސަރުކާރުން ނެރުނު ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލިއިރު، އެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލްއަށް ހުށަހަޅާފައިވޭ“ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
އެހެންކަމުން ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި،ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށްވެސް އެވުޒާރާއިން ބުނެފައި ވެއެވެ. އަދި މިފަރާތްތަކުންވެސް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ވަނީ އެދިފައެވެ.
ގެދޮރުވެރިޔާ ސްކީމަށް ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ މައުލޫމާތު މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅައިގެން ހޯދޭނެއެވެ.