- Advertisement -spot_img

މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ނުފޫޒެއް ނުފޯރުއްވަވާ، މަޖިލިސް ހިންގަމުން މިދަނީ ގަވައިދާ އެއްގޮތަށް: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލިހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއްވެސް ނުފޫޒެއް ނުފޯރުއްވަވާ ކަމަށާއި މަޖިލިސް ހިންގަވަމުން ގެންދަވަނީ މަޖިލިސް ހިންގުމަށް އެކުލަވައިލައިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދައިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދުގެ މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

މައުރޫފްގެ ވާހަކައިގައި، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައީސް މުޢިއްޒުގެ ބާރު ހިނގާ މަޖިލީހެއްކަން ބުނެ، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލު މުޅި މަޖިލީހަށް އޮތްކަމަށް ފާހަގަކުރެއްވީ ރަމަޟާން މަހު ވަޒީރުންނާ ސުވާލުކުރަން، ވަޒީރުން މަޖިލީހަށް ހާޒިރުކުރަން ދަތިވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މައުރޫފްގެ އެ ވާހަކަ ހުއްޓުވުމަށްފަހު އަބްދުއްރަހީމް ވިދާޅުވީ މަޖިލިސް ހިންގަމުން ދަނީ މަޖިލިސް ހިންގުމަށް އެކުލަވައިލައިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލު މުޅި މަޖިލީހަށާއި، ރިޔާސަތަށް އޮތް ކަމަށް ބުނެ މައުރޫފް ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް ނޫންކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

”އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަމެޖޯރިޓީ މިތާ އޮތުމަކީ އެއީ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ މަނިކުފާނު މި ތަން ކޮންޓްރޯލުކުރާކަމަށް ވިދާޅުވެވޭނެ ސަބަބެއްކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން“ މަޖިލިސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުއްރަހީމް ވަނީ މަޖިލިސް މެންބަރުންނަށް އިހާނެތިކަމެއް ލިބޭނެފަދަ ވާހަކައެއް ނުދެއްކުމަށް ވެސް މެންބަރު މައުރޫފްގެ ކިބައިން އެދިލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް