ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމަށް ހުސެއިން ޝަހީދު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުޅުވާލީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި ޙުސްނުއް ސުޢޫދު މިމަހުގެ 4 ވަނަ ދުވަހު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ކުރިމަތިލެއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސަށް ލަފާ ދިނީ ޝަހީދު އައްޔަން ކުރުމަށެވެ. އެހެންކަމުން ރައީސް މުޢިއްޒު ވަނީ ޝަހީދުގެ ނަން އިއްޔެ މަޖިލީހަށް ފޮނުއްވާފައެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާ އުޞޫލު ބަޔާންކުރާގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ޖޭއެސްސީން ލަފާއެރުއްވުމުން އެބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވަން ޖެހިވަޑައިގަންނަވާނެއެވެ.އަދި އެ ބޭފުޅަކު ފަނޑިޔާރުކަމަށް އައްޔަން ކުރެވޭނީ މަޖިލީހުން ރުހުން ލިބިވަޑައިގަތުމަށްފަހުއެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ހުސެއިން ޝަހީދަކީ މިވަގުތު ހައިކޯޓުގެ އިސްފަނޑިޔާރުވެސް މެއެވެ. އޭނާ ހައި ކޯޓުގައި ފަނޑިޔާރުކަން ކުރައްވާތާ މިހާރު ހަތް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މީގެއިތުރުން ޝަހީދު ވަނީ އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ. އަދި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުކަން ވެސް މީގެކުރިން އޭނާ ކުރައްވާފައިވެއެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
މީގެ ތެރެއިން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ޖޭއެސްސީއަށް އަންގާފައިވުމާއި އެމައްސަލަބަލާތީ ފަނޑިޔާރު ޑރ. އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒް، މި ދެފަނޑިޔާރުން މިވަގުތު ތިއްބެވީ ސަސްޕެންޑްކޮށްފައެވެ.



