- Advertisement -spot_img

ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރުމަށް އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި ސްކޭމް ސެންޓަރެއް ޤާއިމްކޮށްފި

ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ސްކޭމް މައްސަލަތަކަށް ހައްލެއް ހޯދުމަށް ފުލުހުން ”އެންޓި ސްކޭމް ސެންޓަރު“ ގެ ނަމުގައި އައު ސެންޓަރެއް ހުޅުވައިފިއެވެ.

މި ސެންޓަރަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގެ ދަށުން އުފައްދާފައިވާ ސެންޓަރެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަޢުލޫމާތުދެއެވެ.

މި ސެންޓަރު ހުޅުވުމާއި ގުޅިގެން އިއްޔެއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ނިންމަވާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެއެވެ.

މިއައު ނިޒާމުގެ ދަށުން ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއްވެސްވަނީ ޤާއިމްކޮށްފައެވެ. މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

އައު ނިޒާމުގެ ދަށުން ޤާއިމުކޮށްފައިވާ ކޯލް ސެންޓަރަށް މައްސަލައެއް ހުށަހެޅުމާއެކު، ބޭންކުތަކާއި މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޢުލޫމާތު ހޯދުމުގެ މަސައްކަތް ފަށާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

މިހާރު ސްކޭމް މައްސަލަތައް ރިޕޯޓުކުރުމަށް ވަނީ އެކި ގޮތްގޮތް ތަޢާރަފުކޮށްފައެވެ. މިގޮތުން ނޭޝަނަލް އިމަރޖެންސީ ނަންބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި reportscam@police.gov.mv  އަށް އީމެއިލް ކުރެވޭނެއެވެ. މި ޚިދުމަތްތައް ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ލިބޭނެއެވެ.

ފުލުހުން ވަނީ ސްކޭމް މައްސަލަތައް ހުއްޓުވުމަށް، އެފަދަ މައްސަލަތައް ލަސްނުކޮށް އެންޓި ސްކޭމް ސެންޓަރަށް އެންގުމަށް އާންމުންނަށް ގޮވާލާފައެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާއި މާލީ އިދާރާތަކުން ކުރާ މަސައްކަތަށް ރައްޔިތުން ދެމުންދާ އެއްބާރުލުމަށް ޝުކުރުވެސް އަދާކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް