- Advertisement -spot_img

ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމަށް ގާނޫނީ ހުރަސްތައް ނައްތާލައި ގާނޫނު އިސްލާހުކުރަނީ

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ފުލުހުންނަށް ކުރިމަތިވާ ގާނޫނީ ހުރަސްތައް ނައްތާލުމަށް ފުލުހުންގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިހާރު ގާނޫނު ބައްޓަންވެފައި އޮތް ގޮތުން ފުރިހަމައަށް ހިދުމަތް ދިނުމަށް ބައެއް ހުރަސްތައް އެބަހުރި ކަމަށެވެ. އެހެންކަމުން، ފުލުހުންގެ މުއައްސަސާއިން ކުރާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ގާނޫނަށް ގެންނަން ބޭނުންވާ ކޮންމެ އިސްލާހެއް ގެނައުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

ފުލުހުންގެ މުއައްސަސާ ތަރައްގީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ރާވާފައިވާކަން ފާހަގަކުރައްވައި، ރައީސް ވަނީ އުމްރާނީ ބޮޑެތި މަޝްރޫއުތަކެއް އިއުލާނުކުރައްވާފައެވެ. މީގެ ތެރޭގައި، ދާލު ވާނީގައި ހިންގާ ފުލުހުންގެ ތަމްރީނު މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމާއި، އިސްކަންދަރުކޮށި ދޭއްގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުން ހިމެނެއެވެ. މީގެ އިތުރުން، މާލޭގައި ޖާގަ ތަނަވަސް ޒަމާނީ މައި މަރުކަޒެއް ބިނާކުރުމާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންގެ ބޮޑު އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ފުލުހުން ވަމުންދާ ގުރުބާނީއަކީ އަގުނުކުރެވޭނެ ފަދަ ގައުމީ ހިދުމަތެއްކަން ފާހަގަކުރައްވަމުން، ފުލުހުންގެ އަދަދު އިތުރުކުރުމަށް ބޭނުންވާ ބަޖެޓު ހަމަޖައްސައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުލުހުންގެ އިނާޔަތްތައް ހަރުދަނާކުރުމުގެ ގޮތުން، ކުރިއަށް އޮތް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުލުހުންނަށް ހާއްސަ ކޯޓާއެއް ކަނޑައަޅައި، އެއީ ފުލުހުންނަށް ދާއިމަށް މިލްކުވާނެ ތަންތަންކަމުގައި ހަމަޖައްސަވައިދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފުލުހުންނާއި ސިފައިންގެ ހިދުމަތް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ދެކޭކަން އެ މަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް