- Advertisement -spot_img

ފުލުހުންގެ އެހީއަށް އެދޭ ހާދިސާތަކުގައި ފުރަތަމަ އިޖާބަދޭ އުޅަނދެއްގެ ގޮތުގައި ޑްރޯން ބޭނުންކުރަން ފަށަނީ

ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ އެހީއަށް އެދި ރިޕޯޓުކުރާ ހާދިސާތަކަށް އެންމެ ފުރަތަމަ އިޖާބަދޭ އުޅަނދެއްގެ ގޮތުގައި ޑްރޯން ފޮނުވާ ޚިދުމަތެއް އަންނަ އަހަރު ފަށާނެކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އިއުލާނުކުރައްވައިފިއެވެ. މި ބަދަލާއެކު، ހާދިސާ ހިނގާ ސަރަހައްދުގެ ހާލަތު ވަގުތުން ދެނެގަނެވި، އާންމު ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ފުލުހުންގެ ޚިދުމަތަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ފުލުހުންގެ ކޮމާންޑް އެންޑް ކޯލް ސެންޓަރުގައި ގާއިމުކޮށްފައިވާ ނުވައެއް އެކެއް އެކެއް އެމާޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކޮށް، އެހީއަށް އެދި ގުޅާ މީހާ ހުންނަ ތަން ވަގުތުން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެ މީހަކު ހުންނަ ސަރަހައްދެއްގައި ހުރި ފުލުހުންގެ ކެމެރާތަކުގެ މަންޒަރުތައް ވަގުތުން ކޮމާންޑް ސެންޓަރަށް ލިބޭނެ ގޮތަށް ސިސްޓަމްތައް ތަރައްގީކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރު ތައާރަފުކުރާ ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާސް ޚިދުމަތުގެ ދަށުން، އެއްގަމާއި ކަނޑުމަތީގައި ހިނގާ އެކިއެކި ހާދިސާތަކަށް ފުލުހުންނަށް ދިޔުމަށް ވަގުތު ނެގި ނަމަވެސް، ޑްރޯން މެދުވެރިކޮށް އެ ސަރަހައްދެއްގެ ހާލަތު ވަގުތުން ބަލައިލެވޭނެއެވެ. މީގެ ސަބަބުން ހާދިސާއަށް އިޖާބަދޭ އޮފިސަރުންނާއި ކޮމާންޑް ސެންޓަރަށް ރަނގަޅު މައުލޫމާތު ލިބި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީއަށް ޚާއްސަކޮށްގެން ފުލުހުންގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ.

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކުށްކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރާވާފައެވެ. އެގޮތުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގުމާއި، ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އެކަމުން ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ދެހާހެއްހާ ބިދޭސީން ހޯދައި، އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އިތުރަށް ފުޅާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، އަމަން ބެލެހެއްޓުމުގައި ޓެކްނޮލޮޖީގެ އެހީގައި ގިނަ އަދަދެއްގެ ފުލުހުން މަގުމަތިން ފެންނާނެކަން ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ފުލުހުންގެ މުއައްސަސާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް