މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިކަން އެކަމަނާ ކުށްވެރިކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއްނޫންކަމަށެވެ. މިވަގުތު ކަންކަން ހަލަބޮލި ނުކުރައްވާ، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށްވެސް ރައީސްގެ އަނބިކަނބަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ފަރާތުން މި ރޯދަމަހު ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިމަހުގެ 12 ވަނަ ދުވަހު ކުރިއަށް ދިޔަ މުޒާހަރާގައި މަންދީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކެއް ކުށްވެރިކޮށް އެކަމާ ގުޅިގެން މަރިޔަމް ޒުބައިރު ހިމެނޭހެން 3 ފަރާތަކަށް ދަޢުވާކުރަން ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ބައެއް އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކެއްގައި މަރިޔަމް ޒުބައިރާއި އަދި އެނޫންވެސް ބައެއް ފަރާތްތައް ފުލުހަށް ހާޒިރުކުރަން ފަށާފައިވަނިކޮށެވެ.
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތް ގެއްލޭހެން ވާހަކަދެއްކި މައްސަލަ ސަރުކާރުގެ ވަޒީރުންނާއި މިނިވަން މުވައްސަސާތަކުންނާއި، އާއްމުންގެ ތެރެއިންވެސް ގިނަ ބަޔަކުވަނީ ކުށްވެރިކޮށް އެކަމުގައި ފިޔަވަޅު އެޅުމަށް ކަމާއި ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ.



