ރާއްޖޭގެ 75 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ހަވާލުކުރި ތިން ކުންފުންޏަކީ އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރްޑީސީ އެވެ.
އެގޮތުން މި އަމާޒަށް ވާސިލުވުމަށްޓަކައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ ”މަގޭ ސާފު ރާއްޖެ ޕްރޮގްރާމް“ ގެ ތެރެއިން މިއަދު ވަނީ 75 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމުގެ ކޮންޓްރެކްޓްތައް ހަވާލުކޮށްފައެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތް ވެމްކޯއާއި ވަނީ ހަވާލުކޮށްފައިވާ ކަމަށެވެ.
އެންކަމުން މިއަދު ސޮއި ކުރި 75 ރަށާއެކު ޖުމަލް 109 ރަށެއްގެ ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗާ ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏަކާއި ހަވާލުކުރެވިފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާނެ ނިޒާމާއި ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ މި 109 ރަށުގެ އިތުރުން ބާކީ ހުރި ރަށްތަކުގައި ވަނީ މިދިޔަ އަހަރުތަކުގައި އެ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަކަށް ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗާ ޤާއިމު ކުރެވިފައިވާ ރަށްތައް ނުވަތަ ޕްރޮކިއުމަންޓް މަރުހަލާގައިވާ ރަށްތައް ކަމަށެވެ. މިގޮތުން ރޭވިފައިވާ ގޮތަށް މި އަހަރުގެ ފަހު ކުއާޓާގައި ހުރިހާ ރަށްތަކެއްގައިވެސް މި މަސައްކަތް ނިންމާލެވޭނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން ރަށްރަށުގައި ޤާއިމުކުރެވޭ ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމަށް ބޭނުންވާ އިކުއިޕްމަންޓާއި ކުނި އުފުލާނެ އުޅަނދު ފޯރުކޮށްދެވިފައި ނުވާ ރަށްތަކަށް މި އަހަރުގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށް އެވުޒާރާއިން ހާމަކުރެއެވެ.