ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް ކުޅިވަރާއި ބެހޭ ވުޒާރާއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައި ވަނީ ބ.ކަމަދޫ އާއި ދ.މާއެނބޫދޫގެ ފުޓްބޯޅަ ދަނޑު ނިންމައި ޅ.ކުރެންދޫ ދަނޑުގެ ލައިޓް ހަރު ކުރުމަށެވެ. އަދި ބ. ކެންދޫ، ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ރ. މީދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމަށްވެސް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ.
ކަމަދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 4.7 މިލިއަން ރުފިޔާ ހޭދަވާއިރު، މަސައްކަތް ނިންމަން ޖެހެނީ 60 ދުވަހުގެ ތެރޭގައެވެ.
އަދި މާއެނބޫދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ދަނޑުގެ ޓާފް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު 6 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
މި އެއްބަސްވުމުގައި ކުޅިވަރާއި ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް މުޙައްމަދު ނަޖާހުއެވެ.
މި މަސައްކަތްތަކުގެ އިތުރުން، މަސައްކަތް ހުއްޓިފައިހުރި އެހެން ރަށް ރަށުގެ މަޝްރޫއުތައްވެސް މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެވެ. ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން ރަށްރަށުގައި ހުއްޓިފައިހުރި މަޝްރޫޢުތައް ސަރުކާރުގެ އެސްސޯއީތަކާ ހަވާލުކޮށްގެން އަވަހަށް ނިންމަވާނެކަމަށް ރައީސް ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައެވެ.