ތިން ރަށެއްގެ ފުޓް ބޯޅަދަނޑު ނިންމަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި އެކު އެއްބަސްވުމުގައި ކުޅިވަރާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ސޮއިކޮށްފައިވަނީ ކ. ކާށިދޫ އާއި އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑު ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މި އެއްބަސްވުންތަކުގައި ކުޅިވަރާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރުއެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ކާށިދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގައި ހިމެނޭ ޑްރޭގް ބްރަޝް ހޯދުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. މި މަސައްކަތަށް 86،400.00 ރުފިޔާ ހަރަދުވާނެއެވެ.
ހަމައެހެންމެ ހަންޏާމީދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 90 ދުވަހުގެ ތެރޭގައި ނިންމަމެށެވެ. މި މަސައްކަތަށް 5.8 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
އިއްޔެ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބ. މާޅޮހު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުން، ލައިންޓިން ސިސްޓަމް ހަރުކުރުން، ވަށާފާރު ރާނައި، ފެންސް ޖެހުމުގެ އިތުރުން ރޮސްޓްރަމްގެ މަސައްކަތެވެ. މި މަސައްކަތަށް 11.9 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި މަސައްކަތް ނިންމަން ދީފައިވަނީ 90 ދުވަހެވެ.
މި ތިން ރަށުގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އިތުރުން ކުޅިވަރާއި ބެހޭ މިނިސްޓްރީން ވަނީ އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ހޯލު ގާއިމްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އާރްޑީސީއާ އާއެކު މިއަދު ސޮއި ކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަސައްކަތަށް ފަސް މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެއެވެ.
މި މަސައްކަތްތަކުގެ އިތުރުން، މަސައްކަތް ހުއްޓިފައިހުރި އެހެން ރަށް ރަށުގެ މަޝްރޫއުތައްވެސް މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެވެ. ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން ރަށްރަށުގައި ހުއްޓިފައިހުރި މަޝްރޫޢުތައް ސަރުކާރުގެ އެސްސޯއީތަކާ ހަވާލުކޮށްގެން އަވަހަށް ނިންމަވާނެކަމަށް ރައީސް ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައެވެ.