ޅ. އޮޅުވެލިފުށި އަދި ލ. މާބައިދޫގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޤޮތްޕެއް ޤާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެނަކަ ކޯޕަރޭޝަނާއި ދެމެދު ސޮއި ކުރެއްވީ، ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުންނެވެ.
މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހުއެވެ.
މި ދެރަށުގައިވެސް އިމާރާތް ކުރެވޭ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގައި 3 ކުލާސްރޫމާއި ލައިބްރަރީއަކާއި ހޯލެއް ހިމެނޭނެއެވެ. މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.