މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންއައި ”މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ“ އަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންއައި ”މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ“ އަކީ، 2025 މާރިޗު 11ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވަނީ ބުނެފައެވެ.
މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަށް އެމަނިކުފާނަށް ލަފާދެއްވައިފައިވާތީއެވެ.