ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއި ގުޅިގެން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާ (ޕަބްލިކޭޝަން) ތަކާއި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ބަސްދާރު (ޑޭޓާބޭސް) ތަކާއި، ވެބްސައިޓްތަކާއި، މީސްމީޑިއާގެ ވަސީލަތްތަކުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ބޭނުންކުރަންވާނީ ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގައި ކަނޑައަޅައިފައިވާގޮތަށެވެ.
މިއާއެކު 2010 ވަނަ އަހރު އެކަށައަޅާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރާއި އެޤަރާރަށް ގެނެސްފައިވާ އިޞްލާޙުތައްވަނީ އުވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައިވާ މި ލިންކުން ކަމާގުޅޭ ދެންނެވުން ފެނިވަޑައިގަންނަވާނެއެވެ.



