މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން 32 ރަށެއްގައި ކުނި މެނޭޖުކުރާ ވަސީލަތްތައް ޤާއިމްކުރުމަށް ވެމްކޯއާއި ހަވާލުކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި ވެމްކޯއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
32 ރަށުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ ސެންޓަރާއި ވަސީލަތް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ކުނި މެނޭޖްކުރަން ބޭނުންވާ ވަޞީލަތްތަކާއި މަރުކަޒުތައް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތަށް އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އޭރުން މަސައްކަތްތައް އަވަހަށް ކުރިއަށްގެންގޮސް ނިންމުމަށް ފަސޭހަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރައީސް ވިދާޅުވި ގޮތަށް އެކަށޭނަ ނިޒާމެއް ހުރިހާ ރަށެއްގައި ޤާއިމުކުރުމަށްޓަކައި ކުނި މެނޭޖްކުރާ މަރުކަޒު ނުވަތަ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޖުމްލަ 128 ރަށުގައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.
”މިހާރު މި ސޮއިކުރެވުނު 32 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަޞީލަތް ޤާއިމްކުރުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.“ ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރަށްރަށް ހިމެނޭ ސަރަހައްދުގައި ޤާއިމުވެގެން ތިބޭ ވެމްކޯގެ މުވައްޒަފުން ކަމަށެވެ. އެހެންކަމުން ބޭރުގެ ބަޔަކަށް މަސައްކަތް ހަވާލުކުރަން ނުޖެހި، ޚަރަދު ކުޑަކޮށް މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް މުޖްތަބާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން ކުނި މެނޭޖްކުރަން އިމާރާތްތައްވެސް މި ހަދަނީ. އެހެންވީމަ އަޅުގަނޑުމެންގެ މުވައްޒަފުންނަށް އެނގޭނެ އެ ރަށެއްގައި ކުނި މެނޭޖްކުރަން އެންމެ ފަސޭހަ ތަނަވަސް ގޮތަށް އިމާރާތް ހަދަން. އަދި އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަން.“ މުޖްތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އަރބަން ސެންޓަރުތައް ޤާއިމްކުރާ ހުރިހާ ރަށަކާއި އަތޮޅު ވެރިކަންކުރާ ހުރިހާ ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށުން ކަމަށެވެ.
މަސައްކަތް ހަވާލުކުރި 32 ރަށުގެ އިތުރުން 2 ރަށެއްގެ މަސައްކަތް މިދިޔަ މަހުވެސް ވެމްކޯއާ ހަވާލުކޮށްފައިވެއެވެ. މި އާއެކު 34 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ނުވަތަ ކުރިން ޤާއިމުކޮށްފައިވާ ފެސިލިޓީތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. މި މަސައްކަތުގެ ދަށުން 21 ރަށުގައި އައު ޢިމާރާތެއް އަޅާނެއެވެ. ބާކީ ހުރި ރަށްރަށުގައި ކުރިއަށްދާނީ އަޕްގްރޭޑިންގެ މަސައްކަތެވެ.
މަސައްކަތް ކުރިއަށް ގެންދިއުމަށް ވެމްކޯއާ ހަވާލުކުރި 34 ރަށް:
ހއ. އަތޮޅުން ދިއްދޫ، ހޯރަފުށި، އިހަވަންދޫ، ވަށަފަރު
ހދ. އަތޮޅުން ކުޅުދުށްފުށ
ކ. އަތޮޅުން ދިއްފުށި، ގާފަރު، ގުޅި
މ. އަތޮޅުން މަޑުއްވަރި، ނާލާފުށި، ރަތްމަންދޫ، ވޭވަށް
ފ. އަތޮޅުން ބިލެއްދޫ، ދަރަބޫނދޫ، ފިއަލި
ދ. އަލތޮޅުން ހުޅުދެލި، މީދޫ
ތ. އަތޮޅުން ދިޔަމިގިލި، ގާދިއްފުށި، ހިރިލަންދޫ، ކަނޑޫދޫ، ވޭމަންޑޫ، ވިލުފުށި
ލ. އަތޮޅުން ހިތަދޫ، އިސްދޫ، ކަލައިދޫ، ކުނަހަންދޫ، މާބައިދޫ، މާމެންދޫ، މާވަށް، މުންޑޫ
ގދ. ތިނަދޫ
ޏ. ފުވައްމުލައް
ސ. ހުޅުމީދޫ
ސަރުކާރުން އަމާޒަކީ މި އަހަރުގެ 3 ވަނަ ކުއާޓަރުގެ ތެރޭގައި މި މަސައްކަތް ހުރިހާ ރަށެއްގައި ނިންމާލުމަށެވެ.