ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ބުނެ ފަތުރަމުން އަންނަނީ ދޮގު ޚަބަރުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ތަކުރާރުކޮށް ދޮގު ޚަބަރު ފަތުރަމުން އަންނަ އޮންލައިން ނޫހެއްގައި ލިޔެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ވައުދާ ޚިލާފުވެ 14 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން އުޅޭ ކަމަށެވެ.
ރައީސް މުޢިއްޒު އަބަދުވެސް ވިދާޅުވާ އެއް ވާހަކައަކީ އެމަނިކުފާނުގެ ސަރުކާރުން ފައިސާ ޗާޕުކޮށް އެމްޑީޕީ އިން ހެދި ގޮތަށް ރާއްޖޭގެ އިޤްތިސާދު އަނދަވަޅަކަށް ވައްޓައި ނުލާނެކަމެވެ. ހަމަ ޔަޤީނުންވެސް މިސަރުކާރުން މިހާތަނަށް ފައިސާ ޗާޕުކޮށްފައެއް ނުވެއެވެ.
ކޮވިޑާއި ގުޅުވައިގެން 2020 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ވެރިކަން ނިމެންދެން، އަދި މި ސަރުކާރު އައި އިރު ވެސް ކުރީގެ ގާނޫނެއްގެ ދަށުން (ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު) ފައިސާ ޗާޕު ކުރާ ލިމިޓު އޮތީ ހައްދެއް ނެތި ދޫކޮށްލައިފަ އެވެ. އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ސަސްޕެންޑް ކުރުމަށް ފަހު އެމްޑީޕީގެ ފަހު ތިން އަހަރު އެ ސަރުކާރުން ވަނީ 8 ބިލިއަން ރުފިޔާ ޗާޕްކޮށްފަ އެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގުތައް މައްޗަށްގޮސް ރާއްޖޭގެ އިޤްތިސާދު ވަނީ ފުނޑުފުނޑުކޮށްލާފައެވެ.
އެހެންނަމަވެސް ރައީސް މުޢިއްޒުގެ ހަރުދަނާ އިޤްތިސާދީ އެގެންޑާގެ ދަށުން މިސަރުކާރުން ވަނީ އެކަން ބަދަލުކޮށް، އެއަށްވުރެ ޒިންމާދާރު ގޮތަކަށް ދައުލަތުގެ ފައިސާ މެނޭޖްކުރެވޭނެ ގޮތް ހަދާފައެވެ. މިހާރު އޮންނަ ގޮތުން ދައުލަތަކުން ކިތަންމެ ބޭނުންވިޔަސް މަރުކަޒީ ބޭންކުން އެގޮތަށް ފައިސާ ދޫކުރެވޭކަށް ނޯވެއެވެ. އަދި ނުވެސް ކުރާނެއެވެ. އެމްއެމްއޭ އިން ސަރުކާރަށް ފައިސާ ދޫކުރުމުގައި އުޞޫލު ތަކެއް އޮވެއެވެ. އެކަމުގައި އޮންނަ އުޞޫލަކީ، ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް ޓަކައި ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 2.5 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، ދައުލަތުގެ މަރުކަޒީ ބޭންކުން އެޑްވާންސަށް ސަރުކާރަށް ދަރަންޏަށް ފައިސާ ނެގިދާނެއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ޤާނޫނު އޮންނަ ގޮތުން އެފަދަ ބޮޑު ޢަދަދަކުން ފައިސާ ޗާޕު ކުރުމަކީ ވެސް ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވިގޮތުގައި ޤާނޫނު ބުނާ ގޮތުން ފައިސާ ޗާޕު ކުރެވޭނީ ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ %2.5 ކަމަށާއި، އެއީ ގާތްގަނޑަކަށް 200 އާއި 300 މިލިއަނާ ދެމެދުގެ ޢަދަދެއް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ ގޮދު ޙަބަރުތައް ފެތުރުމާއި ތިމާމެންގެ ސިޔާސީ ހަޔާތް ކުރިއަރުވަން ބޭނުންކުރަންޖެހޭ ހަތިޔާރެއް ނޫނެވެ. އަދި އެއީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަވެރިކަން އުފެއްދުމެއްވެސް ނޫނެވެ. ނޫސްވެރިކަމަކީ އެއަށްވުރެ އަބުއި އަދި ޒިންމާދާރު މަސައްކަތެކެވެ.