އެސްޓީއޯއިން މިކަމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހިނގާ ރަމަޟާން މަހަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެސްޓީއޯއިން ވެފައިވާ ޚާއްޞަ ތައްޔާރީތަކުގެ ދަށުން ބާޒާރުގެ އާންމު ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މިހާރު ބާޒާރުގައި ކާށީގެ އަގު ބޮޑުތަނުން މައްޗަށް ގޮސްފައިވާކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ ކާއްޓެއްގެ އަގު ހުރީ 40 އާއި 60 ރުފިޔާއާ ދެމެދުގައި ކަމަށެވެ. އަދި މި އަގުތައް މިހެން ހުރިތާ މިހާރު ހަފްތާއެއްހާ ދުވަސްވެ، އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެހެންކަމުން، އެސްޓީއޯ މެދުވެރިވެ ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި ޝޯޓޭޖް ހައްލުކުރުމަށް އެ ކުންފުނިން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
އެގޮތުން ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ފަށާފައެވެ. އަދި އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް އަންނަނީ ބާޒާރަށް ނެރެމުންނެވެ.
މީގެއިތުރުން ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު އެސްޓީއޯ އިން މިހާރު ވަނީ ހޯލްސޭލަރުންނަށް ހުޅުވާލާފައެވެ.
އެކުންފުނިން ބުނިގޮތުގައި މިކަމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުމެވެ.
”ކާށީގެ ސްޓޮކް ހޯދުމަށް ޝައުޤުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވުމުގެ އިތުރުން 7291124 އަށް ވައިބަރ މެސެޖް ކޮށްގެންވެސް ބުކްކުރެވިދާނެ“ އެސްޓީއޯއިން ބުނެފައިވެއެވެ.
އެ ކުންފުނިން އިތުރަށް ބުނީ، ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެ ކަމަށާއި އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ވެސް ހަމަޖައްސައިދެވޭނެ ކަމަށެވެ. އަދި އެ މުދަލަށް ފައިސާ ދައްކަންޖެހޭނީ ޝިޕްމަންޓް އައުމުން ދިވެހި ރުފިޔާއިން ކަމުގައި ވެސް އެސްޓީއޯ އިން ބުނެފައިވެއެވެ.