މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގގައި މިމަހުގެ 21 އިން 22 އަށް ކުރިއަށްގެންދިޔަ “ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް”ގެ ހަވާސާގެ ތެރެއިން ވަނީ މާލެ ސިޓީގައި ޗައިނާގެ އެހީތެރިކަމާއެކު 500 ސޯޝަލް ހައުސިންގ ޔުނިޓު ޤާއިމުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގެ އަލީގައި މިމަޝްރޫޢު ކުރިއަށްގެންދިޔުމުގައި ދެޤައުމަށް އެއްބަސްވެވުނު ކަންތައްތަކުގެ “މިނިޓްސް އޮފް ދަ މީޓިންގ”ގައި ވަނީ ސޮއިކޮށްފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މާލޭގައި ސޯޝަލް ހައުސިންގ ޔުނިޓު އެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފައިނޭންސް ހަމަޖެއްސުމަށް ޗައިނާއިން އެއްބަސްވެފައިވަނީ އިންޓްރެސްޓަކާއި ނުލައި ދޭ އެހީގެ ގޮތުގައެވެ. މި މަޝްރޫޢުގެ ދަށުން ކުރެވުނު މަޝްވަރާތަކުގެ އަދި އެއްބަސްވެވުނު ކަންތައްތަކުގެ “މިނިޓްސް އޮފް ދަ މީޓިންގ”ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠޮއާމް މުޙައްމަދެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ލިޔު ޖުންފެންގއެވެ.
ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން އިތުރު ބައްދަލުވުމެއްވެސް ބާއްވާފައިވާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ބުންޏެވެ. މިބައްދަލުވުމުގައި މިމަޝްރޫޢުތައް ޔަޤީންކަމާއެކު ކުރިއަށްގެންދިޔުމާއި ގުޅޭގޮތުން ދެފަރާތުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވަނީ ދީފައެވެ.



