ދަރުމަވަންތަ ހޮސްޕިޓަލުން ދެމުންދާ ހިތުގެ ބަލިތަކުގެ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ޤާއިމްކުރުމަށް ނިންމައިފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި މިހާރުވެސް ހައިބްރިޑް ކެތު ލެބެއް ހުރި ނަމަވެސް، ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި އައު ކެތު ލެބެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އައު ލެބްވެސް ހުންނާނީ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވި ގޮތުގައި މިހާރު ހުރި ކެތު ލެބުގައި ބޭނުންކުރަނީ ސިންގަލް ޕްލޭނަރ އެކެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ލެބުގައި ”ބައިޕްލޭނަރ“ އެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ސްޕައިން ސާޖަރީތަކާއި ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަސައްކަތަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، މެޝިންތައް ގެނެސް އިންސްޓޯލްކުރުމަށްފަހު މިއަހަރުގެ ތިންވަނަ ކުއާޓާގެ ތެރޭގައި އައު ކެތު ލެބުގެ ޚިދުމަތް ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި މީގެ އިތުރުން، މީގެ 10 އަހަރު ކުރިން އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ކެތު ލެބް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ.
ކެތު ލެބަކީ ހިތާއި ލޭހޮޅިތަކުގެ ޞިއްޙީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ލެބެކެވެ. މި ވަސީލަތުގެ އެހީގައި ސިކުނޑީގެ ލޭހޮޅި ބެދުމުން ކަފާނުލައި އެހޮޅި ހުޅުވާލުމާއި، ޓިއުމަރުތަކަށް ފަރުވާދިނުން ފަދަ ނާޒުކު އޮޕަރޭޝަންތައް ރާއްޖޭގައި ކުރެވޭނެއެވެ.
މި ތަރައްޤީއާއެކު، ފަރުވާ ހޯދުމަށް ދިވެހިން ރާއްޖޭއިން ބޭރަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.



