ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ހޯމް ފައިނޭންސިން ފެސިލިޓީއެއް ތަޢާރަފުކޮށްފިއެވެ.
އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިން ރޭޓަކާއެކު ތައާރަފުކުރި މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓެވެ. މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ.
”މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް.“ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
”ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާއިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭކަމެއް.“
މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށެވެ. އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބަލާނެއެވެ. އަދި މި އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީ އަކަށެވެ.
ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް މި ފައިނޭންސިން ފެސިލިޓީ ދޫކުރާނެ އެވެ. އެހެންކަމުން މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިޚްތިޔާރުކުރާ ފައިނޭންސިންގ އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް މި ފެސިލިޓީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގަ އެވެ.
ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ.



