ފިންގަޕްރިންޓް ނުދޭ ބިދޭސީންނާއި ވިސާ ފީ ނުދައްކާ ބިދޭސީން އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޑީޕޯޓްކުރަން ފަށާނެކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލީ އިހުސާން ވިދާޅުވީ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ ކުރަނގި އޮޕަރޭޝަން ފެށުމުގެ ކުރިން ވާރކް ޕާމިޓް ފީއެއް ނުދައްކާ އަދި ވިސާއެއް ނެތި 148417 ބިދޭސީން ރާއްޖޭގައި ތިބި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ކުރަނގި އޮޕަރޭޝަން ފެށުމުގެ ކުރިން ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ތިބިކަމަށް ދައްކަނީ %28.97 މީހުންކަމަށާއި، އަދި މިހާރު އެ އަދަދު 62 އަށް އިތުރުވެފައިވަކަމަށް ވަޒީރު ވިދާޅުވި އެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ގާތްގަޑަކަށް 206،000 މީހުންގެ ފިންގަ ޕްރިންޓް ނަގާ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކުރެވިފައިވާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު ފިންގަ ޕްރިންޓް ނުދީ ތިބި 2933 މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި، އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮޕަރޭޝަން ކުރަނގީގެ ފޭސް 3 ގެ މަސައްކަތް ފެށުމުން ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މަޢޫލޫމާތު ނުދޭ މީހުން ހޯދާ ހައްޔަރުކޮށް ރާއްޖެއިން ޑީޕޯޓް ކުރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުރަނގި އޮޕަރޭޝަންގެ ފޭސް 3ގެ މަސައްކަތް ފެށުމާއެކު ފީ ނުދައްކާ އުޅޭ ކޮންމެ ބިދެސީއަކުވެސް ވަގުތުން ޑީޕޯޓްކުރަން ނިންމާފައިވާ ކަމަށެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.



